ނުފޫޒުން އެއްކިބާވެ އެޗްޕީއޭއިން ރައްޔިތުންނަށް ހެޔޮ އެދުމަށް ގޮވާލަން: މެންބަރު ހުސައިން

ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު: ފޮޓޯ / މަޖިލިސް

ސިޔާސީ ނުފޫޒުން އެއްކިބާވެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރައްޔިތުންނަށް ހެޔޮ އެދުމަށް ރައްޔިތުން މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު ގޮވާލައްވައިފިއެވެ.

މެންބަރު ހުސައިން ކުރެއްވި ޓްވީޓެއްގައި ރޭ ވިދާޅުވީ އެޗްޕީއޭ އިން ދެކޮޅު ޖެހޭ އެއްވެސް ކަމެއް ނުކުރާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިހާރު އަޅަމުން ގެންދާ ފިޔަވަޅުތަކުގެ ސަބަބުން ނިކުންނާނެ އެއްވެސް ނަތީޖާއެއް ނުފެންނަކަން ހަމަ ބުއްދިއަށް ތިލަކޮށް ވިސްނާލިއަސް އެނގިގެން ދާނެ ކަމަށް މެންބަރު ހުސައިން ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

ހުސައިން ފާޑު ވިދާޅުވެފައި މިވަނީ މާލެ ސިޓީގައި ރޭގަނޑު 8 އިން ފަތިހު 5އަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރުމުންނެވެ. އެ އުސޫލަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ރޭގަނޑު 8ގެ ފަހުން އުޅަނދު ދުއްވުން މަނާވިޔަސް، 10 ޖަހަންދެން ބޭރުގައި އުޅެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ މަނާ ގަޑިތަކުގައި އުޅަނދު ދުއްވައިފިނަމަ، ފުރަތަމަ ފަހަރު ނަސޭހަތްދޭނެ ކަމަށާއި ދެ ވަނަ ފަހަރު 1،000 ރުފިޔާއިން ޖޫރިމަނާކޮށް، އުޅަނދު ޓޯ ކުރާނެ ކަމަށެވެ. އުޅަނދު ދޫކުރާނީ ޖޫރިމަނާ ފައިސާ ދެއްކުމުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ހަލުވިކަމާއެކު ކޮވިޑް19 މާލެތެރޭގައި ފެތުރެމުންދާތީ، ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާ ވަގުތީ ފިޔަވަޅެއްގެ ގޮތުގައި 9:30ގައި ފިހާރަތައް ބަންދު ކުރަންޖެހެއެވެ.

"ފިހާރަތައް ހުޅުވައިގެން ތިބޭ ފަރާތްތަކުން 9:30ގައި ފިހާރަ ބަންދުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމަކަށް ހައްދަވާށޭ ވީ އެންމެ އަވަހަކަށް ފިހާރަ ބަންދުކޮށްފައި ދާންޖެހޭ ހިސާބަކަށް ދާން މަސައްކަތް ފައްޓާށޭ،" ޝަރީފް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *