އާޒިމް މުސްތަފާއަށް: ދޮގު ވާހަކަ ނުފެތުރުމަކީ ފަރުދީ ޒިންމާއެއް

މެދުހެންވޭރު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އަދި ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުސްތަފާ ---

ދޮގު ވާހަކަ ނުފެތުރުމަކީ ފަރުދީ ޒިންމާއެއް ކަމަށް ވިދާޅުވެ ސަރުކާރުން ވައްކަން ކުރާ ކަމަށް ކުރީގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ދެއްކެވި ވާހަކަތައް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ރައްދު ދެއްވައިފިއެވެ.

ރޭ މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަގުންނަށް ވައްކަން ކުރުމުގެ ދޮރުތައް ވަނީ ހުޅުވާލެވިފައި ކަމަށެވެ. އެއްޗެކޭ ބުނެވޭނެ އެކަކު ވެސް ނެތް ކަމަށާއި ވައްކަންކޮށް މުޅި ގައުމު ބަރަހަނާކޮށް ނިންމާފައިވާ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާގެ އެ ވާހަކަތައް ރައްދު ދެއްވާ އާޒިމް ހަމައެކަނި ވިދާޅުވީ "ތިޔަކަހަލަ ދޮގު ވާހަކަ ނުފެތުރުމަކީ ފަރުދީ ޒިންމާއެއް" ކަމަށެވެ.

މުސްތަފާ އެފަދައިން ވިދާޅުވީ ޑިފެންސް މިނިސްޓްރީގެ އާ އިމާރާތުގެ މަސައްކަތަށް ބިޑް ކުރުމުގެ ހުރިހާ މަރުހަލާއެއް ނިމިފައި އޮއްވާ މާ ފަހުން ބިޑް ކުރުމުގެ އުސޫލަށް ގެނައި ބަދަލެއްގެ ތެރެއިން އެ ޕްރޮޖެކްޓަށް އެންމެ ކުޑަ އަގު ހުށަހެޅި ކުންފުނި ބާކީ ކޮށް، ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ ގޮތަށް ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓު ކުރުމާއި ގުޅިގެންނެވެ. މުސްތަފާ ވަނީ އޭނާގެ ޓްވީޓުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރަށް ތުހުމަތެއް ކޮށްފައިވާ ފޮޓޯއެއް ވެސް ޕޯސްޓުކޮށްފައެވެ.

ޑިފެންސް އާ އިމާރާތާ ގުޅިގެން އުފެދިފައިވާ ހިޔާލު ތަފާތުންތައް ފިނޭންސް މިނިސްޓްރީން އިއްޔެ ވަނީ ސާފު ކޮށްދީފައެވެ. ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ޓެންޑާ ބޯޑު މެދުވެރިކޮށް މަސައްކަތްތައް އެވޯޑު ކުރުމުގައި އަމަލުކުރާނެ އުސޫލެއް ކަނޑައަޅާފައެވެ.

އެ އުސޫލުގައި ބުނެފައިވަނީ ކުންފުންޏަކަށް މަސައްކަތެއް އެވޯޑު ކުރެވޭނީ އެ ކުންފުންޏެއް ނިސްބަތްވާ ގްރޭޑަށް ބަލާ، ކަނޑައަޅާފައިވާ ޖުމުލަ އަގު ނުވަތަ ޖުމުލަ އަދަދަށްވުރެ އެވަގުތު އެ ކުންފުންޏެއް ކުރަމުންދާ ޢިމާރާތްކުރުމުގެ މަސައްކަތްތަކުގެ ޖުމުލަ އަގު ނުވަތަ ޖުމުލަ އަދަދު އިތުރު ނުވާނަމަ ކަމަށެވެ. އެގޮތުން ޖުމުލަ އަގު ހިސާބުކުރުމުގައި ބަލާނީ މަސައްކަތްތައް އެވޯޑްކޮށްފައިވާ އަގަށް ކަމަށް އެ އުސޫލުގައިވެއެވެ.

ޑިފެންސްގެ އިމާރާތް އިމާރާތް އެޅުމަށް އެންމެ ކުޑަ އަގެއް ހުށަހަޅާފައި ވަނީ އެސްޖޭ ކޮންސްޓްރަކްޝަން އިންނެވެ. ނަމަވެސް އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ނެރެފައިވާ އުސޫލުގެ ދަށުން އެ ކުންފުންޏަކީ ގްރޭޑް އެކެއްގައި އިންނަ ކުންފުންޏެކެވެ. އެގޮތުން އެ ގްރޭޑުގައި ޖެނެރަލް ބިލްޑިން ނުވަތަ ޖެނެރަލް ސިވިލް މަސައްކަތް ކުރުމުގައި ގްރޭޑް އެކެއްގެ ކުންފުންޏަކަށް 300 މިލިއަން ރުފިޔާއާ ހަމައަށް މަސައްކަތް ދެވިދާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. ގިނަވެގެން ދެވޭނީ 8 މަޝްރޫއުއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ޑިފެންސް އިމާރާތް އެޅުމަށް އެސްޖޭއާ ހަވާލުނުކޮށް ދެވަނަ އަށް އެންމެ ކުޑަ އަގެއް ހުށަހެޅި ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ހަވާލުކުރީ އެ އުސޫލުގެ ދަށުންނެވެ.

"އެއީ ކުންފުނިތަކަށް އެއްފަހަރާ ޓެންޑަރތަކުގައި މަސައްކަތް ކުރެވޭނެ ވަކި އަދަދުތަކާއި ޖުމްލަ ފައިސާގެ އަދަދު އެ އިއުލާނުން ކަނޑައަޅާފައިވާތީ އެވެ. މި އުސޫލުގެ ދަށުން އެސްޖޭ ކޮންސްޓްރަކްޝަންއަށް އެއްފަހަރާ މަސައްކަތް ކުރެވޭނީ 300 މިލިއަން ރުފިޔާ އާއި ހަމައަށެވެ. އަދި އެއްފަހަރާ މަސައްކަތް ކުރެވޭނެ ޓެންޑަރތަކުގެ އަދަދަކީ ގިނަ ވެގެން 8އެވެ." ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ ކުންފުނިން 310 މިލިއަން ރުފިޔާގެ މަޝްރޫއުގައި ސޮއިކޮށްފައިވާ ކަމަށެވެ. އެއީ ޖުމްލަ 11 ޕްރޮޖެކްޓެއް ކަމަށްވެސް ބުންޏެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ އުސޫލު އެކުލަވާލުމަށްފަހު މިހާރު އަމަލު ކުރަމުން ގެންދަނީ އެ އުސޫލުގެ ދަށުން ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައިވެސް އަމަލުކުރާނީ އެ އުސޫލާ އެއްގޮތަށް ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *