ކަރަންޓީނަށް ދެކޮޅު ހަދާ މީހުންނަށް ފިޔަވަޅު އެޅުމުގެ ވިސްނުމެއް ނެތް

ކަރަންޓީން ފެސިލިޓީތަކަށް ރާއްޖެއިން ބޭރުން އައި ދިވެހިންތައް ގެންދިއުމުގެ ތެރެއިން: ފޮޓޯ / ޕޮލިސް

ކޮވިޑް19 އަށް ޕޮޒިޓިވްވުމުން ކަރަންޓީނަށް ދާން ބުނުމުން އެކަމަށް ދެކޮޅު ހެދި މީހުންނަށް ފިޔަވަޅު އެޅުމުގެ ވިސްނުމެއް ނެތް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އައިސޮލޭޝަނަށް ނުގެންދެވި 348 މީހަކު ގޭގައި އެބަތިއްބެވެ. އޭގެތެރެއިން 89 މީހަކު ނުގެންދެވި ވަނީ ފެސިލިޓީތަކަށް ދާން ދެކޮޅު ހަދާފައިވާތީއެވެ. 33 މީހަކަށް ނުގުޅުމުގެ ސަބަބުން ފެސިލިޓީތަކަށް ނުގެންދެވި ވާއިރު، އިތުރު 14 މީހަކު އެކި ސަބަބުތަކާހުރެ ނުގެންދެވިވާ ކަމަށްވެސް އެޗްއީއޯސީން ބުނެއެވެ.

ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މީގެކުރިން ކަރަންޓީނު ފެސިލިޓީތަކުގެ ދަތިތައް ދިމާވި ކަމަށެވެ. ނަމަވެސް މިހާރު އެކަން ހައްލު ކުރެވިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފިޔަވަޅު އަޅައިގެން އަދަބު ދީގެން ކަންކަން ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

ޑރ. ނަޒްލާގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑިމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވަނީ އެމޭރުމުން ވާހަކަދައްކަވާފައެވެ. އެގޮތުން ޑރ. އަފްޒަލް ވެސް ވަނީ ފިޔަވަޅު އެޅުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށް ވިދާޅުވެފައެވެ.

މާލެ ސަރަހައްދުގައި މި ބައްޔާއި ގުޅިގެން ރޭ ވަނީ އިތުރަށް ފިޔަވަޅުތައް ހަރުކަށި ކުރުމަށް ނިންމާފައެވެ. އެގޮތުންމާލެ ސިޓީގައި ރޭގަނޑު 8 އިން ފަތިހު 5އަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވާއިރު އެ އުސޫލަށް މިއަދު އަމަލުކުރަން ފަށާނެއެވެ.

ރާއްޖެއިން މިބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 6660 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 2521 މީހުންނަށެވެ. އެގޮތުން 169 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *