މަޖިލިސް، ސަރުކާރު ހަމަމަގަށް އެޅުވުމުގައި!

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ / މަޖިލިސް

މީގެ ކުރީގެ ސަރުކާރުގެ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. މައިގަނޑު ގޮތެއްގައި ދެކެވެނީ އޭރު ރާއްޖޭގެ ރައީސް ކަމުގައި ހުންނެވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިނގައިދިޔަ ކޮރަޕްޝަންގެ ވާހަކަތަކެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ހިނގި ބައެއް ކަންކަން ބައެއް ރައްޔިތުން ހަނދާން ނެތް ނެތެވެ. ހުދު މިއަދު ސަރުކާރާ ހަވާލުވެ ތިއްބެވި އޭރުގެ އިދިކޮޅު ފަރާތްތައް ވެސް އޭރުގެ ބައެއް ކަންކަން ހަނދާން ނެތް ފަދައެވެ. އެއީ އެ ވާހަކަތައް ދެކެވޭލެއް މަދުވުމުންނެވެ. އެގޮތުން އޭރު ރައްޔިތުންގެ މަޖިލިސް ހިންގި ގޮތާއި އޭރުގެ މަޖިލީހުގެ ރައީސް މުހައްމަދު މަސީހަށް ކީހާ އެއްޗެހި ހަނދާން ހުރި މީހަކު ނެތް ފަދައެވެ. އޭރުގެ މަޖިލީހަކީ ސަރުކާރުން ބޭނުންވާ ގޮތަކަށް ސަރުކާރުން ބުނި ގޮތަކަށް ކަންކަން ކުރަމުން ދިޔަ ތަނެއް ކަމަށް އެތައް ބަޔަކު ދިޔައީ ބުނަމުންނެވެ.

ތެދެކެވެ. ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ސަރުކާރަކަށް ލިބިގެން ދިއުމަކީ އެތައް ގޮތަކުން ސަރުކާރެއް ހިންގުމަށް ފަސޭހަވެގެން ދާނެ ކަމަކެވެ. ނަމަވެސް އެއީ ސަރުކާރުން ބުނާހާ ކަމެއް ބުނާހާ ގޮތަކަށް ފާސްކުރުމަށް ރައްޔިތުން ދޭ މެޖޯރިޓީއެއް ނޫނެވެ. 18ވަނަ މަޖިލީހުން ފެނިގެން ދިޔައީ އެފަދަ މަންޒަރެކެވެ. އެ މަޖިލީހުންވެސް ރައްޔިތުންނާއި ގުޅުންހުރި އެތަކެއް މަސައްކަތްތަކެއް ކުރިއެވެ. އެތައް ގާނޫނުތަކެއް ފާސްވެސް ކޮށްފިއެވެ. އެތައް ގާނޫނަކަށް އިސްލާހު ވެސް ގެނެސްފިއެވެ. އޭގެތެރެއިން ބައެއް ގާނޫނުތަކަށް ގެނައި އިސްލާހަކީ މިއަދު ސަރުކާރުގައި ތިއްބެވި ބޭފުޅުން އިދިކޮޅުގައި ތިއްބެވި ކަމުނުދިޔަ އިސްލާހުތަކެއް ކަމަށް ރައްޔިތުން ކުރިމަތީ ދެއްކި ނަމަވެސް ހަގީގަތުގައި ބައެއް ގާނޫނުތަކަށް ގެނައި އިސްލާހުތަކަކީ މިބޭފުޅުންވެސް ހިތްޕުޅާވާ އިސްލާހުތަކެއްކަން ސާބިތުވެސް ކޮށްދީފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން: ފޮޓޯ / މަޖިލިސް

ރާއްޖޭގެ ވެރިކަން ކުރަމުން ގެންދަނީ ތިންބާރު ވަކިވެފައިވާ ނިޒާމެއްގެ ތެރެއިންނެވެ. ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ކިތަންމެ ބޮޑު މެޖޯރިޓީއެއް އޮތް ނަމަވެސް ރައްޔިތުންގެ މަޖިލިސް ހިނގަން ޖެހޭނީ އެ ތިންބާރު ވަކިވެފައިވާ ގޮތަށް މަޖިލިސް ތެރެއިންވެސް ސަރުކާރު ޖަވާބުދާރީ ކުރެވޭނެ ފަދަ ނިޒާމަކުންނެވެ. މީގެކުރިން އެފަދަ ކަންކަން މަޖިލިސް ތެރެއިން ފެނިގެން ގޮސްފައި ނުވި ނަމަވެސް މިއަދުގެ މަޖިލިސް ތެރެއިން އެކަން ފެނިގެން އެބަދެއެވެ. އެއީ ވަކި ސަރުކާރު ހިންގާ މައިޕާޓީ އަކުން އެކަންޏެއް ނޫނެވެ. އިދިކޮޅު މެންބަރުންގެ ފަރާތުންވެސް ފެނިގެން ދަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެ މެންބަރުންނަށް ކުރެވެން ހުރި މަސައްކަތް ކުރަމުން ގެންދާ ތަނެވެ. ސަރުކާރުގެ މެންބަރުންގެ ފަރާތުން އެކަން އިތުރަށް ފެނިގެން ދެއެވެ.

އެގޮތުން ކޮވިޑް19 އާއި ގުޅިގެން ސަރުކާރުގެ އިދާރާތަކުން ކުރަމުން ގެންދާ މަސައްކަތްތައް ބެލުމަށް އެންމެ ފުރަތަމަ ނިންމި ތަނަކީ ރައްޔިތުންގެ މަޖިލީހެވެ. އެކަން ސަރުކާރުގެ މެންބަރުންނާއި އިދިކޮޅުގެ މެންބަރުން ތަފާތު އެކި ބިލުތަކަށް ބަހުސް ކުރައްވަމުން ދިޔައީ ވިދާޅުވަމުންނެވެ. އެގޮތުން އެ މަސައްކަތުގައި ކޮރަޕްޝަންގެ އަމަލުތައް ހިމެނޭ ކަމާއި އެކަން ރަނގަޅަށް ތަހުގީގު ކުރަންޖެހޭކަން އެންގި ތަނަކީ މަޖިލީހުގެ ތަޅުމެވެ.

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ / މަޖިލިސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އަޅަމުން ގެންދާ އާ ސީޕްލޭން ޓާމިނަލް ވަކި ބަޔަކަށް މަންފާވާ ގޮތަށް ދިނުމަށް ނިންމާފައިވާ ކަމަށާއި އެކަމުގައި ކޮރަޕްޝަންގެ އެތައް ކަންތައްތަކެއް އެކުލެވިގެންވާ ކަމަށް ރައްޔިތުންނާއި ހަމައަށް ގެނެސްދިނީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މެންބަރުންނެވެ. ދީބާޖާއަށް ބަދަލުދޭ މައްސަލާގައި ސަރުކާރުގެ މެންބަރުންނާއި އިދިކޮޅުގެ މެންބަރުންގެ އެތަކެއް ފާޑުކިޔުންތަކެއް ސަރުކާރަށް އައިސް އެންމެ ފަހުން އެކަން ރިވިއު ކުރަން އަލުން ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ބާރު އެޅިތަަނަކީ ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއެވެ.

އެތައް ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކޮށްގެން އެކަމާ ގުޅޭ ވުޒާރާއިން އެކަމަށް އަޅާނުލާ ދޫކޮށްލި ވާހަކައާ އެ ވުޒާރާ ހިންގުމަށް އޭރު ހަވާލުވެ ހުންނެވި ޝިދާތާ ޝަރީފު ފެއިލްވެފައިވާ ކަމަށާއި އެކަމަނާ އިސްތިއުފާ ދެއްވުމަށް ސީދާ ގޮވާލެއްވީ ވެސް ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނެވެ. އެންމެ ގަދައަށް އަޑަށް ބާރުލާފައި އެވާހަކަ ގޮވީ ސީދާ ސަރުކާރަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެންބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-- ފޮޓޯ/ މަޖިލިސް

ކޮންމެއަކަސް 19ވަނަ ރައްޔިތުންގެ މަޖިލީހުން ތަފާތުތަކެއް އެބަފެނެއެވެ. ހާއްސަކޮށް ސަރުކާރު ޖަވާބުދާރީ ކުރުވުމަށާއި ކުރިން ހިނގައިދިޔަ ގޮތަށް ކަންކަން ތަކުރާރުވިޔަ ނުދިނުމަށްވެސް ގިނަ މަސައްކަތްތަކެއް މަޖިލިސް ތެރެއިން އެބަ ކުރެވެއެވެ. ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ މެންބަރުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވާ ފަހަރުތައް އާދެއެވެ. ސަރުކާރާ މެދު ހިތްހަމަ ނުޖެހިގެން އެތަކެއް ޝަކުވާތަކެއް ބަންޑުންކޮށްލައެވެ. އެ މެންބަރުން ހިތްހަމަ ނުޖެހޭ ގޮތަށް ވަޒީރުންގެ އަމަލުތައް ހުންނަ ކަމަށްވާ ނަމަ ނުވަތަ ވަކި ވަޒީރެއްގެ ކިބައިން އެދެވިގެންވާ ނަތީޖާ ނުފެންނަ ކަމަށްވާ ނަމަ އެ ވަޒީރެއްގެ އިސްތިއުފާ އަށް ގޮވައެވެ.

އޭރު ކަންކަން ހިނގީ މިފަދައަކުން ނޫނެވެ. ސަރުކާރުން ބުނިއްޔާ ބުނި ކަމެއް ބުނި ގޮތަކަށް ދިޔައީ ކުރަމުންނެވެ. ސަރުކާރުގެ ތެރެއިން ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވެގެން ދިޔައިރުވެސް އޭރުގެ މެންބަރުންނަށް އިސް އުފުލާލާ އަނގައިން ބަހެއް ވިދާޅުވާން ތިއްބެވީ ޖެހިލުންވެފައެވެ. އެކަމުގެ ސަބަބުން ތިންބާރުގެ ވަކިވެފައިވާ ނިޒާމެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިޔަށް ގެންދިއުމަށް އޮތީ ނުކުޅެދިފައެވެ. ނަމަވެސް މިއަދު 19ވަނަ މަޖިލީހުން ސާބިތު ކޮށްދެމުން ދަނީ ރައްޔިތުންގެ މަޖިލީހަކީ ރަބަރު ސްޓޭމްޕެއް ނޫން ކަމެވެ.

Leave a Reply

Your email address will not be published.