ތިން މުއައްސަސާއެއްގެ މެމްބަރުންގެ އާއިލީ މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތަށް ކޮމެޓީ ފާސްކޮށްފި

މިނިވަން މުއައްސަސާތަކާ ބެހޭ ރައްޔިތުން މަޖިލީހުގެ ކޮމެޓީ: ފޮޓޮ / މަޖިލިސް

މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ އާއިލާތަކުން މާލީ ހިސާބު ހުށަހަޅަން ޖެހޭ ގޮތަށް ބައެއް މުއައްސަސާތަކުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށްފިއެވެ.

ސަރުކާރުން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ގާނޫނާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނާއި، އޮޑިޓަ ޖެނެރަލްގެ ގާނޫނާއި، އިލެކްޝަންސް ކޮމިޝަންގެ ގާނޫނާއި، ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނަށް އެ އިސްލާހު ހުށަހަޅާފައެވެ. ނަމަވެސް މިއަދު ކޮމެޓީ އަށް އެޖެންޑާ ކޮށްފައި ވަނީ ތިން މިނިވަން މުއައްސަސާއެއްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ދިރާސާކޮށް އެ ބިލު ފާސްކުރުމެވެ.

އެ ތިން ބިލަކީ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ހުށަހަޅާފައިވާ އެސީސީގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅާފައިވާ ދިވެހި ސިވިލް ސާވިސް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލުގެ އިތުރުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ހުށަހަޅާފައިވާ އިލެކްޝަންސް ކޮމިޝަނުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލެވެ.

މި އިސްލާހުތަކުގައި މެންބަރުން ވެސް އެ ބޭފުޅުންގެ މާލީ ބަޔާން ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އިސްލާހުތަކުގައި ވާ ގޮތުން ކޮމިޝަނެއްގެ މެމްބަރަކު ކައިވެނިކޮށްގެން އުޅޭ ނަމަ އޭނާގެ ބެލުމުގެ ދަށުގައިވާ ދަރިންނާއި ބަލަހައްޓަމުން ގެންދާ އެހެން މީހުންގެ މާލީ ހިސާބުތައް އޮޑިޓަ ޖެނެރަލަށް ފޮނުވަން ޖެހޭނެއެވެ. މާލީ ހިސާބުތައް ތައްޔާރު ކުރާނީ އޮޑިޓަ ޖެނެރަލް ކަނޑައަޅައި އަދި އިއުލާންކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

ކޮމިޝަނެއްގެ މެމްބަރު ކަމަށް އައްޔަން ކުރާ މީހާ، އޭނާ މަގާމާ ހަވާލުވި އިރު އަތުގައި ހުރި އާމްދަނީ އާއި އޭނާގެ ނަމުގައި ހުރި މުދަލާއި އަދާކުރަން ޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާބު، މަގާމާ ހަވާލުވާތާ ތިން މަސް ދުވަހުގެ ތެރޭގައި ހުށަހަޅަން ވާނެ ކަމަށެވެ.

އޮޑިޓަ ޖެނެރަލް ފިޔަވައި، ގާނޫނުއަސާސީގެ ދަށުން އުފައްދާފައިވާ ކޮމިޝަންތަކުގެ މެމްބަރުން މަގާމުން ވަކިވުމަށް ފަހު ނުވަތަ އިސްތިއުފާ ދެއްވުމަށް ފަހު، ހިނގާ ތިން މަސް ދުވަހުގެ ތެރޭގައި އޭނާ މަގާމުން ވަކިވިއިރު، އަތުގައި ހުރި އާމްދަނީ އާއި އޭނާގެ ނަމުގައި ހުރި މުދަލާއި އަދާކުރަން ޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާބު އޮޑިޓަ ޖެނެރަލަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އާ އިސްލާހުތަކުގައިއެވެ.

މި އިސްލާހުތަކުގައި މެންބަރުންގެ ސުލޫކީ ކަންކަން ވެސް ބަޔާންކޮށްފައިވެއެވެ. އެގޮތުން އެއްވެސް މެންބަރެއްގެ މަސްލަހަތު އޮންނަ ކަންކަމުން ނުވަތަ މައްސަލަތަކުން އެ މެންބަރެއް ދުރުވާން ޖެހެއެވެ. އިތުރު އާމްދަނީއެއް ހޯދުމަށް މަސައްކަތް ކުރުމަކީ މަނާ ކަމެކެވެ. އެގޮތުން އަމިއްލަ ވިޔަފާރިއެއް ނުވަތަ ވިޔަފާރީގެ އުސޫލުން އެއްވެސް ކަމެއް މެމްބަރަކު ކުރައްވައިގެން ނުވާނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *