ނަޝީދު ވިދާޅުވީ ޝާހިދަށް އިތުބާރު އެބައޮތް ކަމަށް!

ފޮރިން މިނިސްޓަރު ޝާހިދު (ވ) އާއި ނަޝީދާއި ދެބޭފުޅުން --

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އިސްވެ ހުންނަވައިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމުގެ މަސައްކަތް ފަށާފައިވާއިރު ރައްޔިތުން މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޝާހިދުގެ ދިފާއުގައި ނިކުންނަވައިފިއެވެ.

ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް 10 މެންބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް ޖާބިރު ދަނީ ކުރައްވަމުންނެވެ. އޭނާ ވިދާޅުވީ އަންނަ ހޯމަ ދުވަހު އެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށެވެ. އަދި އެ މައްސަލަ ކާމިޔާބު ކުރައްވާނެ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ. ޖާބިރު ވަނީ އަބްދުﷲ ޝާހިދަށް މަޖިލިސް ތެރެއިން ކާމިޔާބު ނުލިބޭނެ ކަމަށް ވިދާޅުވެފައެވެ.

ޝާހިދުގެ ދިފާއުގައި ނަޝީދު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ މިނިސްޓަރު ޝާހިދަށް ނަޝީދުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. އަދި ނަޝީދު ވަނީ ޝާހިދުގެ މަސައްކަތަށް ސާބަސް ދަންނަވާފައެވެ.

ޖާބިރު ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ފެއިލްވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެކަމުގެ ޒިންމާ ޝާހިދު ނަގަން ޖެހޭނެ ކަމަށެވެ.

ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް މަސައްކަތް ފަށާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

1 thought on “ނަޝީދު ވިދާޅުވީ ޝާހިދަށް އިތުބާރު އެބައޮތް ކަމަށް!

Leave a Reply

Your email address will not be published. Required fields are marked *