ޕޮޒިޓިވްވި 85 މީހަކު އައިސޮލޭޝަނަށް ދިއުމަށް ދެކޮޅު ހަދަނީ

ބަލި މީހަކު އެމްބިއުލާންސް އަށް އަރުވަނީ: ފޮޓޯ / ހަތާވީސް

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 85 މީހަކު އައިސޮލޭޝަނަށް ދިއުމަށް ދެކޮޅު ހަދަމުން އަންނަ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

ރޭ އެޗްއީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވް މީހުން ފެސިލިޓީތަކަށް ގެންދިއުމުގައި ލަސްތަކެއް އުޅޭކަން ފާހަގަވަނީ އޭގެ ތެރެއިން ބައެއް މީހުން އެކިއެކި ސަބަބުތަކާ ހުރެ ފެސިލިޓީތަކަށް ދާން ދެކޮޅު ހަދާތީ ކަމަށެވެ.

އެގޮތުން ފެސިލިޓީތަކަށް ނުގެންދެވި 359 މީހަކު އެބަތިބި ކަމަށާއި އޭގެ ތެރެއިން 85 މީހަކު ފެސިލިޓީތަކަށްދާން ދެކޮޅު ހަދަމުންދާއިރު 15 ފަރާތެއް އާއިލާ މީހުންގެ ނަތީޖާ އައުމުން ނޫނީ ނުދާން އެބަތިބި ކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ.

އަދި 14 ފަރާތަކާއި ނުގުޅުމުގެ ސަބަބުން އައިސޮލޭޝަނަށް ނުގެންދެވި އެބަތިބި ކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ.

އިއްޔެވެސް ރާއްޖެއިން ކޮވިޑް19 އަށް 146 މީހަކު ޕޮޒިޓިވްވެފައިވާ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުންޏެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 117 ދިވެހިންނާއި ބަންގްލަދޭޝް 21 މީހަކާއި އިންޑިއާ 2 މީހުންގެ އިތުރުން ލަންކާ ފަސް މީހަކާއި ފިލިޕީންސް ރައްޔިތެކެވެ. ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 6,225 މީހުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *