ބީއެމްއެލްގެ އެކައުންޓުތަކުން ފައިސާ "މަދުވާ" މައްސަލައެއް ފެންމަތިވެއްޖެ

ބީއެމްއެލްގެ އޭޓީއެމްތަކެއް: މައްސަލަ ދިމާވި ކަސްޓަމަރުން ދަނީ ކަންބޮޑުވުންފާޅުކުރަމުން.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންގެ އެކައުންޓުތަކުން ގޮތް ނޭނގޭ ގޮތަކަށް ފައިސާ މަދުވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ބީއެމްއެލްގެ ކަސްޓަމަރުންނަށް ނޭނގި، ބައެއް އެކައުންޓުތަކުން އެއް ފަހަރަށް ވުރެ ގިނަ ފަހަރު އެކި ދުވަސް މަތިން ފައިސާ ވަނީ ކެންޑިފައެވެ. އެ މައްސަލަ ފެންމަތިކޮށް ސޯޝަލް މީޑިއާގައި އެކަމުގެ ކަންބޮޑުވުން ދަނީ ފާޅުކުރަމުންނެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު "ހަތާވީސް އޮންލައިން" އަށް މިރޭ ވިދާޅުވީ ޑެބިޓް ކާޑު ބޭނުންކޮށްގެން ހަދާފައިވާ ޓްރާންސެކްޝަން އެކައުންޓުން ދެ ފަހަރަށް ކެނޑިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތަށް މެދުވެރިވާން ދިމާވި މައްސަލަ ހޯދިފައިވާ ކަމަށާއި އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަަމަށެވެ.

އަލީ އުވައިޝް ކިޔާ ޒުވާނަކު ކުރި ޓްވިޓެއްގައި ބުނެފައި ވަނީ ބައެއް މީހުންގެ އެކައުންޓުތަކުން ފައިސާ "ގެއްލިފައިވާ" ކަމަށާއި ހާއްސަކޮށް ޑެބިޓް ކާޑު ގެންގުޅޭ މީހުންގެ އެކައުންޓުން ފައިސާ މަދުވެފައިވާ ކަމަށެވެ.

އެކި ދުވަސްމަތިން، ގޮތް ނޭނގޭ ގޮތަކަށް ބީއެމްއެލް އެކައުންޓަކުން ފައިސާ ކެނޑިފައިވާކަން ހާމަވާ ސްކްރީންޝޮޓްތަކަކާ އެކު، އަހުމަދު އިޔާދު ކިޔާ ޒުވާނަކު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އޭނާއަށް އަނބުރާ ލިބެންޖެހޭ ފައިސާ، އެކިފަހަރު މަތިން އެކައުންޓުން އުނިވެފައިވާ ކަމަށެވެ. އެ ޓްވީޓަށް ރިޕްލައި ކުރަމުން އެހެން މީހަކު ބުނީ އިންޓަނޭޝަނަލް ޓްރާންސެކްޝަންތަކުން ވަރަށް ގިނައިން އެ މައްސަލަ ދިމާވަމުންދާ ކަަމަށެވެ.

ރާއްޖޭއިން ބޭރުގެ ޓްރާންސްސެކްޝަނަކުން، ތިން ފަހަރެއްގެ މަތިން އެކައުންޓުން ފައިސާ ކެނޑިފައިވާކަމުގެ ސްކްރީންޝޮޓްތަކެއް ވެސް ޓްވިޓާގައި ޒުވާނަކު ވަނީ އާންމުކޮށްފައެވެ.

ރާއްޖޭގެ ގިނަ ބަޔަކު ފައިސާގެ މުއާމަލާތް އެންމެ ގިނައިން ހިންގާ، ގައުމީ ބޭންކުގެ އެކައުންޓުތަކުން މިގޮތަށް ފައިސާ ކެނޑިފައިވާ މައްސަލަ ފެންމަތިވުމުން، ބައެއް މީހުން ދަނީ އެކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ފާޅުކުރަމުންނެވެ.

ބީއެމްއެލްއިން ބުނީ އެކަމާ ގުޅިގެން ކަސްޓަމަރުންގެ ކިބައިން ނިހާޔަތަށް މައާފަށް އެދޭ ކަމަށެވެ.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *