ހެލްތުގެ އޮޑިޓުން އަމީރަށް ބޯދަމައެއް ނުގަނެވޭނެ: ޝިޔާމް

ނައިފަރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަހުމަދު ޝިޔާމް: ފޮޓޯ / މަޖިލިސް

ކޮވިޑް19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތަކާއި ގުޅިގެން އޮޑިޓާ ޖެނެރަލް ތައްޔާރުކޮށްފައިވާ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުތަކުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރަށް ބޯ ދަމައި ނުގަނެވޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުން މަޖިލިސް ޖަލްސާއަށް ކޮރަޕްޝަން ހުއްޓުވަން މިހާރަށް ވުރެ ހަރުދަނާ ފިޔަވަޅުތައް އަޅަން ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ޝިޔާމް ވިދާޅުވީ، ހެލްތު މިނިސްޓްރީން ވެންޓިލޭޓަރު ގެނައުމަށް ހިންގި ކޮރަޕްޝަންގެ އަމަލުތަކުން މިނިސްޓަރު އަމީރަށް ބޯދަމައި ނުގަނެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އޮޑިޓު ރިޕޯޓުތަކުގައި ފިނޭންސް މިނިސްޓްރީން ކަންކަން ކޮށްފައި ވަނީ ގަވާއިދުތަކާއި އެއްގޮތަށް ކަމަށް ބުނެފައިވީ ނަމަވެސް ހެލްތު މިނިސްޓްރީން ހިންގި ކޮރަޕްޝަންގެ ކަންކަމުގެ އަޑީގައި ހުންނެވީ އަމީރު ކަމަށެވެ.

"މި އޮޑިޓް ރިޕޯޓްތަކުގައި އެހެން ހުއްޓަކަސް ފިނޭންސް މިނިސްޓަރަކަށް މިއިން ބޯދަމައިގަނެވޭނެ އެއްވެސް ގޮތެއް ނޯންނާނެ،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވަނީ މީގެކުރިންވެސް އެކި ޕްލެޓުފޯމްތަކުގައި އޭނާ ދައްކަވާ އެއް ވާހަކަ މިއަދުގެ ޖަލްސާގައި ވެސް ތަކުރާރު ކުރައްވާފައެވެ. އެއީ ދައުލަތުން ބިލިއަނުން ކޮވިޑް19 ގެ ކަންކަމަށް ހަރަދު ކޮށްފައިވާއިރު ދިވެހި ރައްޔިތުންނަށް އެކަމުން އެއްވެސް ފައިދާއެއް ކޮށްފައި ނުވުމެވެ.

Leave a Reply

Your email address will not be published. Required fields are marked *