ރޭޕް އެވިޑެންސް ކިޓު ބޭނުން ކުރަން ލާޒިމް ކުރާ އިސްލާހަށް ހިޔާލު ހޯދަނީ

ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން -- ފޮޓީޯ / މަޖިލިސް

ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ޖެހޭ ގޮތަށް ޖިންސީ ގާނޫނަށް ހުށަހެޅި އިސްލާހަށް އާއްމުންގެ ހިޔާލު ހޯދަން ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ އެ ބިލަށް އެއްވެސް ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ، ސެޕްޓެމްބަރު މަހުގެ 10 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ކޮމިޓީގެ އީމެއިލް ކުރުން އެދޭ ކަމަށެވެ. އެގޮތުން އީމެއިލް ކުރާ ފަރާތްތަކުން mv.gov.majlis@committee އީމެއިލް އެޑްރެސް އަށް މެއިލް ކުރުމަށް މަޖިލީހުން ވަނީ އެދިފައެވެ.

އީމެއިލް ނުކުރެވޭ ނަމަ އެ ހިޔާލެއް މަޖިލީހަށް ލިޔުމުން ވެސް ފޮނުވިދާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.

ޖިންސީ ކުށުގެ ގާނޫނަށް އެ އިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންއެވެ. ހިސާން ވިދާޅުވީ ޖިންސީ ކުށުގެ މައްސަލަތަކަކީ އޭގެ ޝިކާރައަކަށްވާ މީހާއަށް ޖިސްމާނީ އަނިޔާ ލިބުމުގެ އިތުރުން ބައެއް ފަހަރު މުޅި އުމުރަށް އޭގެ ސަބަބުން ނަސްފާނީ ނޭދެވޭ އަސަރު ކުރާ ބައެއް ކަމަށެވެ. އަދި މިއީ އިންސާފު ނުލިބިއްޖެ ނަމަ ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހާ އިތުރަށް ނިކަމެތިވާ ޒާތުގެ ނާޒުކު މައްސަލައެއް ކަމަށްވެސް ހިސާން ވިދާޅުވިއެވެ. އެފަދަ މައްސަލަތަކަކީ ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހާއާ މެދު ހާއްސަ އުސޫލުތަކަކުން އޭނާ އަށް އިތުރު ބުރައެއް ނުވަތަ އަނިޔާއެއް ނުލިބޭ ގޮތަށް އަމަލު ކުރަންޖެހޭ ޒާތުގެ މައްސަލަތަކެއް ކަމަށްވެސް ހިސާން ވިދާޅުވިއެވެ.

ޖިންސީ ކުށުގެ މައްސަލަތަކަކީ ސާބިތުކުރަން އުނދަގޫ މައްސަލަތަކަކަށް ވެފައިވާއިރު ޝަރީއަތަށް ހުށަހެޅޭ ގިނަ މައްސަލަތައް ސާބިތު ނުވާ ކަމަށް ނިންމާފައި ވަނީ މައްސަލަ ސާބިތު ކުރެވޭ ވަރަށް ހެކި ނެތިގެން ކަމަށް ކަނަޑައަޅާ ކަމަށްވެސް ހިސާން ވިދާޅުވިއެވެ. ޖިންސީ ކުށުގެ މައްސަލަތަކުގައި ހޯދާ ފޮރެންސިކް ހެކި ރައްކާތެރި ކުރުމުގައި ހާއްސަ އުސޫލުތަކެއް ގެންގުޅެގެން މެނުވީ މިބާވަތުގެ މައްސަލަތައް ތަހުގީގުކޮށް ސާބިތުވާ ވަރަށް ހެކި ނުހޯދޭނެކަން ޖިންސީ ކުށުގެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން ފާއިތުވި 6 އަހަރުގެ ތަޖުރިބާގެ އަލީގައި އެނގޭ ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.

އެ އިސްލާހުގައި ބުނެފައި ވަނީ ރޭޕާއި ޖިންސީ ގޯނާގެ މައްސަލަތަކުގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ހޯދަން ޝަރީއަތަށް ހުށަހަޅާ މައްސަލަތައް އެކަށީގެންވާ ހެކި ނެތިގެން ސާބިތުނުކުރެވި އިންސާފަށް ހުރަސްއެޅިފައިވާ ކަމަށެވެ.

ހިސާން ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ އަންނައުނުން ސާމްޕަލް ނަގާ އެ ސާމްޕަލްގެ ފޮރެންސިކް ތަހުލީލު ކުރުމަކީ ލާޒިމް ކަމެއް ކަމަށެވެ. އަދި އެ ތަހުލީހުތައް ކުރުމަށް ބޭނުން ކުރަން ޖެހޭނީ ރޭޕް އެވިޑެންސް ކިޓު ކަމަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވެއެވެ. އެ ކިޓުން އިސްތަށި ގަނޑުންނާއި ކުރިމަތި ފަރާތުންނާއި ފުރަގަސް ފަރާތުގެ ވަށައިގެންވާ ސަރަހައްދުން ނަގާ އިސްތައްޓާއި ލޭ އަދި ކުޑަ ކަމުދާ ތަކެއްޗާއި ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ އަންނައުނާއި ނިޔަފައްޗާއި ނިޔަފަތި ދަށުން ނަގާ ސާމްޕަލް ނެގެން ޖެހޭނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

މީގެއިތުރުން އެ އިސްލާހުގައި ބުނެފައި ވަނީ ރޭޕް އެވިޑެންސް ކިޓުން ކުރިމަތި ފަރާތާއި ފުރަގަސް ފަރާތުން ނަގާ ސާމްޕަލް އާއި އަނގައިން ނަގާ ސާމްޕަލް އާއި ހަށިގަނޑުގެ ބޭރުން ނަގާ ސާމްޕަލް ވެސް ނެގެން ޖެހޭނެ ކަމަށެވެ.

ރޭޕް އެވިޑެންސް ކިޓު ބޭނުން ކުރާނެ ގޮތާއި އެފަދަ ސާމްޕަލްތައް ރައްކާތެރިކޮށް ބަހައްޓާނެ ގޮތުގެ އުސޫލުތައް ބަޔާން ކުރާ ގަވާއިދު އިސްލާހު ފާސްވެ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރާ ހިސާބުން 30 ދުވަހުގެ ތެރޭގައި އެކުލަވާލާ ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީން އާއްމު ކުރަންޖެހެއެވެ. އިސްލާހުގައި ބުނެފައި ވަނީ ސަރުކާރުގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށާއި ދިވެހިރާއްޖޭގައި ހިންގާ ހޮސްޕިޓަލުތަކަށް ރޭޕް އެވިޑެންސް ކިޓު ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަން ވާނެ ކަމަށެވެ.

އިސްލާހުގައި ބުނެފައި ވަނީ ރޭޕް އެވިޑެންސް ކިޓު ބޭނުން ކުރުމުގެ ތަމްރީނު ލިބިފައިވާ ޑޮކްޓަރެއް ނުވަތަ ނަރުހެއް ސަރުކާރުން ހިންގާ ކޮންމެ ސިއްހީ މަރުކަޒެއް އަދި ކޮންމެ ހޮސްޕިޓަލެއްގައި ހުންނަންވާނެ ކަމަށެވެ. އަދި އެ ކިޓުން ސާމްޕަލް ނަގަން ވާނީ ތަމްރީނު ލިބިފައިވާ މީހުން ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ. އިސްލާހު ފާސްވެ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާ ހިސާބުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި ރޭޕް ކިޓުން ޓެސްޓު ހެދުމުގެ ތަމްރީން ލިބިފައިވާ ޑޮކްޓަރެއް ނުވަތަ ނަރުހެއް ކޮންމެ ސިއްހީ މަރުކަޒެއް ނުވަތަ ހޮސްޕިޓަލެއްގައި ތިބިތޯ ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީން ކަށަވަރު ކުރަންވާނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.

މީގެއިތުރުން ރޭޕް ކިޓުން ޓެސްޓު ހެދުމުގެ ތަމްރީން ލިބިފައިވާ ޑޮކްޓަރެއް ނުވަތަ ނަރުހެއް ކޮންމެ ސިއްހީ މަރުކަޒެއް ނުވަތަ ހޮސްޕިޓަލެއްގައި ތިބިތޯ ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީން ކަށަވަރު ކުރުމަށްފަހު އެކަމާއި ގުޅޭ ރިޕޯޓެއް އަހަރަކު އެއްފަހަރު ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީން އެކުލަވާލަން ޖެހެއެވެ. އަދި އެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ވެސް ހިއްސާ ކުރަން ޖެހެއެވެ.

ރޭޕް އެވިޑެންސް ކިޓު ބޭނުންކޮށްގެން ބޭނުން ކުރާ ސާމްޕަލް އެ ސާމްޕަލް ނަގާ މަރުކަޒުގައި ރައްކާތެރިކޮށް ބަހައްޓާނެ އުސޫލު އިސްލާހު ފާސްވެ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރާތާ 30 ދުވަހުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން އެކުލަވާލަންވާނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

ޖިންސީ ކުށުގެ ގާނޫނަށް ހިސާން އިސްލާހެއް ހުށަހަޅާފައިވާއިރު އޭނާ ވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ ބައެއް މާއްދާތައް އުނި ކުރުމަށް ވެސް ހުށަހަޅާފައެވެ. އެގޮތުން ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ ނަފްސުގެ އަބުރުވެރިކަމާއި އަހުލާގާއި ގުޅުންހުރި ކަންކަމުގެ ތެރެއިން ކޯޓަށް ސާބިތުވާ ކަންކަމުގެ މައްޗަށް ބަލާއިރު އެފަދަ ކުށެއް އޭނާއާ މެދު ހިނގާފައިވާ ކަމަށް ދޮގު ހެކި ދީފާނެ މީހެއް ކަމަށް ގަބޫލުކުރެވޭ މީހެއް ކަމަށް ގަބޫލުކުރެވޭ ފަދަ ހާލަތެއް ކޯޓަށް ފާހަގަވާ ކަމަށް ބުނެފައިވާ މާއްދާ އުވާލުމަށް ވަނީ ހުށަހަޅާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *