މަންޒަރު ބަދަލުވެއްޖެ!؟

މީޑިއާތަކުގެ ސުރުހީތަކަށް އެ ހަބަރު އެރުމާއި އެކު އެތައް ބަޔަކަށް ސިހުން ގެނުވިއެވެ. އެއީ ސަރުކާރު މައިޕާޓީ އެމްޑީޕީގެ ސްލޮޓެއްގައި އިކޮނޮމިކް މިނިސްޓަރު ކަމުގައި ހުންނެވި ފައްޔާޒު އިސްމާއީލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުން މަޖިލީހަށް ވެއްދުމުގައި އިސްކޮށް ހުންނެވީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަމުގެ ވާހަކައެވެ. އެމްޑީޕީގެ މުސްތަގުބަލަށް ދެން ވެދާނެ ގޮތަކާއި މެދު އާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމަށް ދެން ވެގެން ދާނެ ގޮތަކާއި މެދު އެތަކެއް ސުވާލުތަކެއް އުފެދިގެން ދިޔައެވެ.

އެ މައްސަލަ މިހާތަނަށް ގޮސްފައިވާ ހިސާބާ ދެކެވިފައި ހުރި ވާހަކަތަކަށް ބަލާ ކަމަށްވާ ނަމަ ގިނަބަޔަކަށް ސިފަ ކުރެވިފައި އޮތީ ރައީސް ނަޝީދާ މިނިސްޓަރު ފައްޔާޒާ ދެބޭފުޅުން ދެން ދުވަހަކުވެސް މޫނާ މޫނު ދިމާ ނުކުރައްވާނެ ކަމަށެވެ. ނަމަވެސް މިއަދު އެއީ ކުށްހީއެއްކަން އެނގިއްޖެއެވެ.

ރައީސް ނަޝީދު ލިޔުއްވާފައިވާ "ދެ ރަދުން" ފޮތް މިނިސްޓަރު ފައްޔާޒު ބައްލަވައިގަތުމަށްފަހު އެ ފޮތުގައި ރައީސް މުހައްމަދު ނަޝީދު ސޮއި ކުރައްވާ މަންޒަރު ހިމެނޭ ފޮޓޯތައް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ. އަދި ފޮތުގައި ރައީސް ނަޝީދު ސޮއި ކުރެއްވިއިރު އަރިހުގައި މިނިސްޓަރު ފައްޔާޒު ހުންނަވައެވެ.

އެ ވަގުތު ރައީސް ނަޝީދު ވަނީ މިނިސްޓަރު ފައްޔާޒަށް އެމަނިކުފާނު ލިޔުއްވި "ދެ ރަދުން" ފޮތުގެ ތައާރަފެއް ދެއްވާފައެވެ. އަދި މިނިސްޓަރު ފައްޔާޒު ގާތުގައި "އަޅެ ފަޔާ ކިޔާލައިބަލަ [ދެ ރަދުން ފޮތް]،" ރައީސް ނަޝީދު ވިދާޅުވާ އަޑު އިވެއެވެ.

ރައީސް ނަޝީދު ވިދާޅުވާ ވާހަކައެއް އަބަދުވެސް އޮވެއެވެ. އެމްޑީޕީ އަކީ އެތެރޭގެ ޑިމޮކްރަސީ އަބަދުވެސް ހަރުދަނާ ޕާޓީއެކެވެ. އަދި ޕާޓީގެ ތެރޭގައި ކިތަންމެ ހިޔާލުތަފާތުވުންތަކެއް އުފެދުނު ނަމަވެސް އެކަމުގެ ސަބަބުން ޕާޓީއާ ޕާޓީން ކުރާ އެއްވެސް ވެރިކަމަކަށް އަސަރު ކުރުވިޔަ ނުދެއްވާނެއެވެ.

މީގެއިތުރުން މިއަދު ވެރިކަމުގައި ހުންނެވި ރައީސް ސޯލިހަކީ ރައީސް ނަޝީދުގެ އެންމެ ގާތް އެކުވެރިޔާއެވެ. ރައީސް ނަޝީދު ވިދާޅުވާ ގޮތުގައި އެ ދެ ބޭފުޅުންގެ ގުޅުން ގޯސްވިޔަކަ ނުދެއްވާނެއެވެ. އަދި އެފަދަ ކަމެއްވެސް ނުކުރައްވާނެއެވެ. ކޮންމެއަކަސް މިއަދު މިނިސްޓަރު ފައްޔާޒާ ރައީސް ނަޝީދު މިފަދައިން ފެނިލުމާއި އެކު އެމްޑީޕީގެ އާއްމު ރައްޔިތުން ތިބީ ވަރަށް އުފަލުންނެވެ.

1 thought on “މަންޒަރު ބަދަލުވެއްޖެ!؟

Leave a Reply

Your email address will not be published. Required fields are marked *