އެކުގައި މަސައްކަތް ކުރަން ޑީއާރްޕީން އިދިކޮޅާ މަޝްވަރާކޮށްފި

އިދިކޮޅު ކޯލިޝަންގެ އިސް ލީޑަރުންނާއި ޑީއާރްޕީގެ ލީޑާޝިޕް އާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން: ފޮޓޯ / ޕީޕީއެމް

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއެކު ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) މަސައްކަތް ކުރަން ނިންމައިފިއެވެ.

މިއަދު ޑީއާރްޕީ އިން ވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ލީޑާޝިޕް އާއިއެކު ބައްދަލުކޮށްފައެވެ. މި ބައްދަލުވުން ކުރިޔަށް ގެންގޮސްފައި ވަނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ.

ޕްރޮގްރެސިވް ކޯލިޝަންގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު ބައެއް މީޑިއާތަކަށް ވިދާޅުވެފައި ވަނީ އެ ބައްދަލުވުމުގައި މަޝްވަރާ ކުރީ ދެފަރާތުން އެކުގައި ކުރިއަށް ދާނެ ގޮތްތަކާއި މެދުގައި ކަަމަށެވެ.

ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ޑީއާރްޕީގެ ފަރާތުން އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕާއެކު ސަރުކާރު ޒިންމާދާރު ކުރުވުމަށް ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކަކީ ކޮބައިތޯ މަޝްވަރާކޮށްލުމަށްޓަކައި ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ބައްދަލުވުމެއް ހަމަޖައްސައިދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ސަރުކާރު ޒިންމާދާރު ކުރުވަން ޑީއާރްޕީން އިދިކޮޅާއި ގުޅުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، ޖާބިރު ދާދިފަހުން ވަނީ ރައީސް ސޯލިހަށް ފޮނުއްވި ސިޓީފުޅެއްގައި މި ސަރުކާރު ފެއިލްވެފައިވާ ކަމަށާއި އެމަނިކުފާނު މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ.

އެގޮތުން ޖާބިރު ވިދާޅުވީ ދިވެހި ރައްޔިތުން ރައީސް ސޯލިހު ވެރިކަމަށް ގެންނެވީ ނުހަނު އުއްމީދުތަކާއި ހުވަފެންތައް ހާސިލުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވައި އެތަކެއް ވައުދުތަކެއް ވެވަޑައިގެން ކަމަށާއި އަދި އޭނާ އަމިއްލަ އަށް ވެސް ރައީސް ސޯލިހު ވެރިކަމަށް ގެންނެވުމަށް 23 މިލިއަން ޑޮލަރު ހަރަދުކުރެއްވި ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *