ގާނޫނާ އެއްގޮތަށް ކޮވިޑް ހަރަދުތައް ކުރުމުން ރައީސްގެ ޝުކުރު އެމްއެންޑީއެފްއަށް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (މ) އަދި ޑިފެންސް މިނިސްޓަރު މާރިޔާގެ އިތުރުން ޗީފް އޮފް ޑިފެންސް --

ކޮވިޑް19 އާއި ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކޮށްފައިވާ ހަރަދުތައް ކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ނެރެފައިވާ ރިޕޯޓުގައި ބުނެފައިވާތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމްއެންޑީއެފް އަށް ޝުކުރު އަދާކޮށްފިއެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ބުނީ ކޮވިޑްގެ ހަރަދުތައް ކޮށްފައިވަނީ ރަނގަޅަށްކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާތީ މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެމްއެންޑީއެފްގެ ލަފާދޭ މަޖިލީހާއި ބައްދަލުކުރައްވައި ރައީސް ސޯލިހުގެ ފަރާތްޕުޅުން ޝުކުުރު އަދާކުރައްވާފައިވާ ކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން އެމްއެންޑީއެފް ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ ކޮވިޑްއާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން މިދިޔަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިދިޔަ ޖޫން މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ކުރި ހަރަދުތަކަކީ މައިގަނޑުގޮތެއްގައި ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި، ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް
ދެކޭ ކަމަށެވެ.

އެމްއެންޑީއެފް އިން ކޮވިޑްއާ ގުޅިގެން ކުރަންޖެހޭ ހަރަދުތައް ކުރުމަށް ކަނޑައަޅާފައިވާ ބަޖެޓަކީ 17.04 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ކޮވިޑް19 އާ ގުޅޭ އޮޕަރޭޝަންގައި ބޭނުންކުރި ކަނޑު އުޅަނދުފަހަރަށް ތެޔޮ އެޅުމުގެ ހަރަދެވެ. އެ ކަމަށް 3.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ދެވަނަ އަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މަރާމާތު ކުރުމާއި ބެލެހެއްޓުމުގެ ހަރަދަށެވެ. އެކަމަށް އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާއިރު ކޮވިޑް19 އާ ގުޅޭ އޮޕަރޭޝަންގައި ބައިވެރިވާ ސިފައިން ތިބި މަރުކަޒުތަކަށް ބޭނުންވާ ސަޕްލައިޒް ކުރުމަށް 638،009 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ބުނެފައިވެއެވެ. މީގެއިތުރުން ސިފައިން ތިބި މަރުކަޒުތަކަށް ހޯދުނު ހަރުމުދާގެ ހަރަދަށް 310،786 ރުފިޔާ ހަރަދުކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި އެމްއެންޑީއެފް އަށް ދީފައިވާ 17 މިލިއަން ރުފިޔާގެ ބަޖެޓުން ކޮވިޑަށް ކުރަންޖެހޭ ހަރަދުތައް ކުރުމަށްފަހު 11،807،128 މިލިއަން ރުފިޔާ ވަނީ ބާކީ ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *