އަމީން މަޖިލީހަށް އިތުރުފުޅު ހެއްދެވި މައްސަލަ ބަލަން ނަޝީދު އަންގަވައިފި

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަޖިލީހުގައި-- ފޮޓޯ/ މަޖިލިސް

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަޖިލީހަށް އިތުރުފުޅު ހެއްދެވި ކަމަށް ބުނާ މައްސަލަ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީން ބެއްލެމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިފިއެވެ.

އެ މައްސަލަ ބަލަން އިމްތިޔާޒު ކޮމެޓީއަށް ރައީސް ނަޝީދު އެންގެވީ މިއަދުގެ ޖަލްސާ ފައްޓަމުން ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައެވެ. މިނިސްޓަރު އަމީން އިތުރުފުޅު ހެއްދެވި ކަމަށް ތުހުމަތުކޮށްފައި ވަނީ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީއަކާ ގުޅިގެންނެވެ.

އެ ސިޓީގައިވާ އިބާރާތް މަޖިލީހަށް އިއްވަމުން ނަޝީދު ވިދާޅުވީ 75 ވެންޓިލޭޓަރު ވީހާވެސް އަވަހަށް ގެނައުމަށްޓަކާ ދުބާއި އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑީންއާ ސިންގަލް ސޯސް ޕްރޮކިއުމަންޓްގެެ ދަށުން ހަވާލުކޮށްފައިވާ ކަމަަށާއި އެ ކުންފުންޏަކީ، ޑަބްލިއުއެޗްއޯގެ ރާއްޖޭގެ އޮފީހާއި ދުބާއީ އޮފީހުގެ ލަފާގެ މަތިން ހޮވާފައިވާ ކުންފުންޏެއް ކަމަށް ސިޓީގައި ވިދާޅުވެފައިވާ ކަމަށެވެ.

އެއަށްފަހު، އިދާރީ މޭޒުން ވަނީ ކޮވިޑް19 ގުޅިގެން ހެލްތު މިނިސްޓްރީން ކުރި ޚަރަދުތައް ތަފްސީލުކޮށްދީފައިވާ އޮޑިޓް ރިޕޯޓުގައި ހިމެނޭ ބައިތަކެއް މަޖިލީހަށް އިއްވާފައެވެ. ވެންޓިލޭޓަރު ގަތުމަށް ޑަބްލިއުއެޗްއޯއިން ރިކޮމެންޑުކޮށްފައި ނުވާނެ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ބައިތައް ވަނީ މަޖިލީހަށް އިއްވާފައެވެ.

"މިހެން ވަޒީރު ވިދާޅުވުމަށްފަހު، އޮޑިޓާ ޖެނެރަލްގެ ރިޕޯޓާއި ވަކިން ހާއްސަކޮށް އިއްޔެ އޮޑިޓާ ޖެނެރަލް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ދެއްވި ބަޔާނާ އެކުވީމަ، އަޅުގަނޑަށް ފެންނަނީ މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *