ނަޝީދު ނުރުހުން ޕީއެސްއެމަށް: މަޖިލީހަކީ ޖަރާސީމުން ފުރިގެންވާ ތަނެއް ކަމަށް ސިފަ އެބަކުރޭ!

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހަކީ ޖަރާސީމުން ފުރިގެންވާ ތަނެއްގެ ގޮތުގައި ސިފަވާ ގޮތަކަށް ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ޚަބަރު ފަތުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ އައިސޮލޭޝަންގައި ތިއްބަވާ މެމްބަރުންގެ ނަންތައް ރިޔާސަތުން އިއުލާން ނުކުރަން ނިންމާފައިވާ ކަމަށެވެ. ސަބަބެއް ކަމުގައި ވިދާޅުވީ "ސަރުކާރު ޓީވީން" ގޯސްކޮށް މައުލޫމާތު ފަތުރަމުންދާތީ ކަމަށެވެ.

"ސަރުކާރުގެ ޓީވީން ޚަަބަރު ފޮނުވަމުން ގެންދެވިއިރުގައި މަޖިލީހަކީ ޖަރާސީމުން ފުރިގެންވާ ތަނެއްގެ ގޮތުގައި ސިފަވާ ގޮތަކަށް މި މައުލުމާތުން ޚަބަރު އުފެދިގެން އައީ. އެހެންވީމަ އަޅުގަނޑު ހިތަށް މިއެރީ އެ ބޭނުމަކު ނޫން، އައިސޮލޭޝަންގައި ތިއްބަވާ ބޭފުޅުންގެ މައުލޫމާތު އަޅުގަނޑު ފާހަގަ ކުރަނީ،" މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އެގޮތަށް ވިދާޅުވެފައި ވަނީ މަޖިލީހުގެ އަމީންއާންމާއި ދެ މެމްބަރަކު ހޯމް އައިސޮލޭޝަންގައި ތިބި ކަމަށް ބުނެ، ޕީއެސްއެމުން ގެނެސްދިން ޚަބަރުގައި މަޖިލީހުގެ ބައެއް މުވައްޒަފުން ކޮވިޑް19އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި މުވައްޒަފުން ޕޮޒިޓިވްވުމުން ދެ ފަހަރެއްގެ މަތިން މަޖިލިސް ޑިސްއިންފެކްޓްކޮށްފައިވާ ކަމަށް ރިޕޯޓުކޮށްފައި ވަނިކޮށެވެ. އަދި މަޖިލީހުގެ އިދާރީ މުވައްޒަފުންގ ތެރެއިން ސައިގެ ކަންކަން ހަމަޖައްސަވާ މުވައްޒަފުންތަކެއް ކޯވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން މަޖިލީހުގެ އިދާރާގެ ސައިގެ ކަންތައްވެސް ވަނީ މެދުކަނޑާލި ކަމަށް ވެސް ޕީއެސްއެމުން ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *