މިއަދުވެސް މިދަނީ ވަގުން ހިފަމުން، ދެންވެސް ކުރާނީ އެކަން: ޔައުގޫބު

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ މަޖިލީހުގެ ޖަލްސާއެއްގައި: ފޮޓޯ / މަޖިލިސް

މަޖިލީހަށް އިންތިހާބުވުމަށް ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ވަގުން "ހިފުމުގެ" މަސައްކަތް މިއަދުވެސް ކުރަމުންދާ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ކުރާނީ އެކަން ކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހުވަދޫ ބަހުރުވައިން ލިޔެފައިވާ ނޯޓްކޮޅަކާ އެކު، ޓްވިޓާގައި ޔައުގޫބު މިގޮތަށް ވިދާޅުވެފައި ވަނީ ކޮވިޑް19ގެ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވުމުން އެކަމުގެ ފާޑުކިޔުން ޔައުގޫބަށް އަމާޒުވެފައިވަނިކޮށެވެ.

ކޮވިޑް19ގެ ކޮރަޕްޝަންތައް ބެލުމަށް އޮޑިޓަރ ޖެނަރަލްއަށް މަޖިލީހުން އެންގުމަށް ބާރު އެޅުއްވި އިސް މެމްބަރުންގެ ތެރޭގައި ޔައުގޫބު ހިމެނިވަޑައިގަންނަވައެވެ. ކޮވިޑް19އަށް ސަރުކާރުން ކުރާ ހަރަދު ބެލުމަށް މިދިޔަ މެއި 18 ވަނަ ދުވަހު މާލިއްޔަތު ކޮމެޓީއަށް ހުށަހެޅުއްވީ ވެސް ޔައުގޫބެވެ. އޭނާގެ ހުށަހެޅުއްވުން ކޮމެޓީން އެ ދުވަހު ފާސްކުރީ ހަތް މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

ޔައުގޫބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ އަކީ އޮޑިޓަރެއް ކަމަށާއި އޭނާ ކިޔެވީ ވަގުން ހިފަން ކަމަށެވެ. މިހާރުވެސް ކުރަމުން ދަނީ އެކަން ކަމަށާއި މިއަދު ކުރީ އެކަން ކަމަށް ޔައުގޫބު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދެންވެސް ކުރާނެ ކަމަކީ ވަގުން ހިފުން ކަމަށާއި އެ މަސައްކަތުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ވިދާޅުވީ އެ މަސައްކަތް ކުރުމަށް އެއްވެސް ބިރެއްވެސް ނުގަންނަ ކަމަށެވެ. މިއަދުވެސް ތަކުރާރުކޮށް ޔައުގޫބު ވަނީ އޭނާ ވައްކަން ނުކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި އޭނާ އަށް އެނގިގެން އެކަން [ވައްކަން] ވިޔަކަށް ނުދޭނެ ކަމަށްވެސް ޔައުގޫބު ވިދާޅުވިއެވެ.

މެލޭޝިއާއިން އެކައުންޓިންގެ ދާއިރާ އިން ފުރަތަމަ ޑިގްރީ ހާސިލްކުރެއްވި ޔައުގޫބު ގެންދަވަނީ ދައުލަތުގެ ތެރޭގައި ހިންގާ ކޮރަޕްޝަންތައް ބެލުމަށް މަޖިލީހުގައި ފާޅުގައި އަޑުއުފުލަމުންނެވެ. ބޮޑެތި އަދަދުތަކުން ދައުލަތުން ބަދަލުދޭ މައްސަލަށް މަޖިލީހަށް ހުށަހެޅުއްވީ ވެސް ޔައުގޫބެވެ. އަދި ދައުލަތަށް ގެއްލުންވާ ގޮތަށް ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދޭން އުޅޭ މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެނައީ ވެސް ޔައުގޫބެވެ. ފާޅުގައި ކޮރަޕްޝަނާ ދެކޮޅަށް ޔައުގޫބު ކުރައްވަމުން ގެންދަވާ މަސައްކަތާ ގުޅިގެން ސަރުކާރުގެ ތެރެއިންނާއި މަޖިލިހުގެ ތެރެއިން ވެސް އޭނާއަށް ފިއްތުންތައް ކުރިމަތިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *