ކޯޓުތަކުގެ އަމުރުތަކާ ހިލާފަށް ވަކީލެއްގެ ހައްގު ރައީސް ޔާމީނަށް ނުދެނީ ގަސްދުގައި: އާއިލާ

ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އަދި ދަރިކަލުން ޒޭން --

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުންނާއި ބައްދަލުކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް ޝަރުއީ ކޯޓުތަކުން އަމުރު ކުރި ނަމަވެސް އެ ހައްގު ރައީސް ޔާމީނަށް ނުދެނީ ދައުލަތުން ގަސްދުގައި ކަމަށް ރައީސް ޔާމީންގެ އާއިލާއިން ބުނެފިއެވެ.

ރައީސް ޔާމީނަށް އެމަނިކުފާނުގެ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ނުލިބޭ ކަމަށް ބުނެ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއި ހުދު އެމަނިކުފާނު ވެސް ކޯޓުގައި ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެ މަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން މިއަދު ނެެރުއްވި ބަޔާނެއްގައި ވަނީ ކްރިމިނަލް ކޯޓާއި ހައި ކޯޓުން ވެސް ކޮށްފައިވާ އަމުރުތަކާ ޚިލާފަށް ވަކީލެއްގެ ހައްގު ބައްޕާފުޅަށް ނުދެނީ ސަރުކާރުން ގަސްދުގައި ކަމަށާއި އެކަމާ މެދު ކަންބޮޑުވާ ކަމަށެވެ.

ބަޔާނުގައި ގާނޫނު އަސާސީގެ 51 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ގާނޫނީ ވަކީލެއް ލިބުމުގެ އަސާސީ ހައްގުން ބައްޕާފުޅު އަދި ކުރީގެ ރައީސް ޔާމީން މަހުރޫމުކޮށްފައިވާ ކަމަށާއި އެއީ ދިވެހިރާއްޖޭގެ ހައިކޯޓުގައި އެމަނިކުފާނުގެ [ރައީސް ޔާމީންގެ] ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުމެއްގައި އެކޯޓުގެ ފަރާތުން ދައުލަތުގެ މައްޗަށް ކޮށްފައިވާ އަމުރާ ހިލާފު ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ.

"ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި ހުކުމް އެމަނިކުފާނު އިސްތިއުނާފު ކުރެއްވި މައްސަލައިގެ އަޑުއެހުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި، ނިމުމަކާ ހަމައަށް ގޮސްފައިވަނިކޮށް، އަދި އެ މަނިކުފާނުގެ މައްޗަށް އިތުރު ދައުވާތަކެއް އުފުލައި އެ މައްސަލަތައް ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ދަނޑިވަޅެއްގައި، އެ މައްސަލަތަކުން ދިފާއުވެ ވަޑައިގަތުމަށްޓަކައި ބޭނުންވާ އެންމެ މުހިންމު ވަސީލަތް ކަމަށްވާ ގާނޫނީ ވަކީލުންގެ ހައްގަށް ސަރުކާރުން ވަނީ ތަކުރާރުކޮށް، އަދި ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ދެ އަމުރަކާވެސް ހިލާފަށް ހުރަސްއަޅައިފައެވެ." ޒޭން ވިދާޅުވިއެވެ.

ޒޭންގެ ބަޔާނުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ވަނީ ވަރަށް ބޮޑަށް ނުރުހުންފާޅުކުރައްވާފައެވެ. އެގޮތުން އިމްރާން ދައްކަވާ ވާހަކަތަކަކީ އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއް ނޫން ކަމަށާއި ވަކީލުންގެ ހައްގާއި ބޭސްފަރުވާ ހޯދުމުގެ ހައްގު ފަދަ ގާނޫނުއަސާސީން ފޯރުކޮށްދީފައިވާ އަސާސީ ހައްގުތަކަކީ ކުޅޭ ކުޅޭ ކުޅިވަރެއްގެ ގޮތުގައި ސިފަވާ ގޮތަށް އިމްރާން އެކި ފަހަރުމަތިން ވާހަކަދެއްކުމަކީ އާއިލާއިން ކުށްވެރިކުރާ ދަށު ދަރަޖައިގެ އަމަލެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *