ޝައްކުވާ އިތުރު މީހަކު ނެތް، ދެ މީހަކު ޓެސްޓު ކުރަނީ

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ --

ކޮރޯނާ ވައިރަހަށް ޝައްކުކުރެވޭ އިތުރު އެއްވެސް މީހަކު ފެނިފައި ނުވާކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދަޅުވެއްޖެއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހާއި ގުޅިގެން ރާއްޖޭގެ ހާލަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ކޮރޯނާ ވައިރަސް ނެތްކަން ޔަގީންކުރުމަށް ރޭ އައިސޮލޭޝަންގައި ބެހެއްޓި 20 އަހަރުގެ ޒުވާނާ ފިޔަވާ އިތުރު އެއްވެސް މީހަކު އެ ބައްޔަށް ޝައްކުކުރެވިފައި ނުވާކަމަށެވެ.

ނަމަވެސް އާންމު ރޯގާއާއި ހުމުގެ އަސަރު ހުރުމުގެ ސަބަބުން ވަރަށް ގިނަ މީހުން މިނިސްޓްރީގެ ހޮޓްލައިނަށް ގުޅާކަމަށާއި، ޑަބްލިއުއެޗްއޯގެ މިންގަނޑަށް ފެތޭތޯ ބެލުމަށް ސުވާލުކުރަމުން އަންނަކަމަށެވެ. އަދި ފަހުގެ ތާރީހެއްގައި ޗައިނާއަށް ދަތުރުކުރި ފަރާތްތަކުންވެސް ގުޅަމުން އަންނަކަމަށާއި، އޭގެތެރެއިން ޑަބްލިއުއެޗްއޯގެ މިންގަނޑަށް ފެތޭތޯ ބަލަމުން އަންނަކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން 2 މީހަކު ހާލަތު ޔަގީންކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ކަމާބެހޭ ހުރިހާ ފަރާތްތަކަށްވެސް ސައްޙަ މަޢުލޫމާތު ފޯރުކޮށްދެއްވަމުން ދާކަމަށެވެ. މިމަޢުލޫމާތު ފޯރުކޮށްދެނީ އެކަމާގުޅޭ ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށްކަމަށެވެ. ކޮރޯނާއަށް ޕޮޒިޓިވް މީހެއްގެ މައްސަލައެއް ފެނުނަސް އެ މައުލޫމާތުތައް ހާމަކުރައްވާނީ ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށްކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

އަދި ފަހުން މޮނީޓަރ ކުރަމުންދާ ދެމީހުން ވެސް ޓެސްޓް ކުރާނެކަމަށާ، އެހެންނަމަވެސް ކޮރޯނާއަށް ޝައްކުކުރެވޭތޯ ބަލަމުންދާ މީހާ އާއި މި މީހުންގެ ޙާލަތު ތަފާތުކަމަށެވެ. މިހާރު ފުނަދޫގައި އެކަހެރި ކޮށްފައިވާ މީހާގެ ޓެސްޓްތަކުގެ ނަތީޖާ ލިބެން އަދި ދެތިން ދުވަސް ނަގާނެކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *