ވެންޓިލޭޓަރު މައްސަލާގައި އަމީނުގެ އިހުމާލެއް އޮތްކަން އެނގޭނީ އިތުރަށް ތަހުގީގުކުރުމުން: އޮޑިޓާ ޖެނެރަލް

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި އޮޑިޓާ ޖެނެރަލް މިއަދު ވާހަކަދައްކަވަނީ: ފޮޓޯ / މަޖިލިސް

ކޮވިޑް-19 ޖެހޭ ބަލި މީހުންނަށް ފަރުވާ ދިނުމަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި ދުބާއީގެ "އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް" ކުންފުންޏާ ހަވާލުކުރި މައްސަލާގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނުގެ އިހުމާލެއް އޮތްކަން އެނގިގެން ދާނީ އިތުރަށް ތަހުގީގު ކޮށްގެން ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.

މާލިއްޔަތު ކޮމެޓީގައި ހެލްތު މިނިސްޓްރީން ކޮވިޑް19 އާއި ގުޅިގެން ކޮށްފައިވާ ހަރަދުތަކާއި ގުޅޭ ގޮތުން އޮޑިޓް އޮފީހުން އެކުލަވާލި ކޮމްޕްލަޔަންސް އޮޑިޓާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ ވެންޓިލޭޓަރާ ގަތުމާއި ގުޅޭ ގޮތުން ހެލްތު މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތައް އިތުރަށް ތަހުގީގު ކުރަންޖެހޭ ކަމަށެވެ.

"ލިޔެކިޔުންތައް ސްޓާޓުވެފައި މި ހުންނަނީ މިނިސްޓަރާ ޑަބްލިއުއެޗްއޯގެ ކަންޓްރީ ރިޕްރެޒެންޓޭޓިވްއާ ކުރެވުނު މަޝްވަރާތަކުގެ ހިސާބުން. އެންމެ ފުރަތަމަ ލިޔެކިޔުމަށް ވެސް މި އިންނަނީ މެމޯއެއް. މިނިސްޓަރާ ޑަބްލިއުއެޗްއާއާ ސަޕްލަޔަރެއް ކަނޑައެޅިގެން ކުރިޔަށް ގެންދަން އަންނަ ރިކުއެސްޓެއް. އެހެންވީމަ އަޅުގަނޑު މި ދަންނަވަނީ އިތުރަށް ތަހުގީގު ކުރަންޖެހޭ. އަޅުގަނޑުމެންނަށް ހުދު ޑޮކިއުމަންޓުތައް ބަލާލާފައި އެބަ ހީވާ ޑަބްލިއުއެޗްއޯ ވަރަށް ބޮޑަށް އިންވޯލްވާހެން. މަޖިލީހަށް ހުށަހެޅި ލިޔުމުގައި ވެސް އެބަވޭ ރާއްޖޭގެ ޑަބްލިއުއެޗްއޯއާ ދުބާއީގެ ޑަބްލިއުއެޗްއޯއާ ގުޅިގެންނޭ. އެކަމަކު އެއްވެސް ލިޔެކިޔުމެއް ނެތޭ. އެހެންވީމަ އަޅުގަނޑު މި ދަންނަވަނީ ހަމަ އިތުރަށް ތަހުގީގު ކުރަންޖެހެއޭ. މިނިސްޓަރުގެ އިންވޯލްމަންޓަކީ ކޮބައިތޯ،" އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަމުގައި [ވެންޓިލޭޓަރު މައްސަލާގައި] ހެލްތު މިނިސްޓްރީގެ ބިޑު ކޮމެޓީއާ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު އަދާ ނުކުރާކަން ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ.

ކޮވިޑް-19 ޖެހޭ ބަލި މީހުންނަށް ފަރުވާ ދިނުމަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި ދުބާއީގެ "އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް" ކުންފުންޏާ ހަވާލުކުރިއިރު ގެރެންޓީއަކާއި ނުލާ އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި 30.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައި ވަނީ، މަސައްކަތްކޮށްދޭ ފަރާތަށް ނުވަތަ ޚިދުމަތް ފޯރުކޮށްދޭ ފަރާތަށް ނުވަތަ ތަކެތި ފޯރުކޮށްދޭ ފަރާތަށް އެޑްވާންސް ފައިސާ ދޭނަމަ، އެ ފަރާތަކުން އެ އެޑްވާންސް ޕޭމަންޓާ އެއްވަރުގެ ޕޭމަންޓް ގެރެންޓީއެއް ހޯދަންޖެހޭނެ ކަމަށެވެ.

ނަމަވެސް، ވެންޓިލޭޓަރުތައް ފޯރުކޮށްދިނުމަށް "އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގް" އާ އެކު ހެދި އެއްބަސްވުމުގެ ދަށުން، މިނިސްޓްރީ އޮފް ހެލްތުން މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދައާއެކު، ދެ ފަހަރެއްގެ މަތިން އެ ޕްރޮޖެކްޓްގެ އަގުގެ ޖުމްލަ 90 ޕަސެންޓު ކަމުގައިވާ 30،9 މިލިއަން ރުފިޔާ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދައްކާފައި ވާއިރު، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައި ވާގޮތުގެ މަތީން އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހެލްތު މިނިސްޓްރީން ހޯދާފައި ނުވާ ކަމަށެވެ.

އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ނުހޯދައި، ޕްރޮޖެޓްގެ ޖުމްލަ އަގުގެ ބޮޑު އަދަދެއް އެޑްވާންސްގެ ގޮތުގައި ދީފައިވުމުގެ ސަބަބުން، "އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގ" ގެ ފަރާތުން މަސައްކަތް ފުރިހަމަ ނުކޮށްފިނަމަ، އެޑްވާންސްގެ ގޮތުގައި ދެއްކި ފައިސާ އަނބުރާ ހޯދުމަކީ ދަތި ކަމަކަށް ވާނެ ކަމަށްވެސް އޮޑިޓް އޮފީހުން ނެރެފައިވާ ރިޕޯޓުގައި ބުނެފައިވެއެވެ.

1 thought on “ވެންޓިލޭޓަރު މައްސަލާގައި އަމީނުގެ އިހުމާލެއް އޮތްކަން އެނގޭނީ އިތުރަށް ތަހުގީގުކުރުމުން: އޮޑިޓާ ޖެނެރަލް

Leave a Reply

Your email address will not be published. Required fields are marked *