އެއްވެ އުޅުމުގެ ގާނޫނަށް ބަދަލުތަކެއް ގެންނަނީ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު --

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެއްވެ އުޅުމުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހު ބަދަލުތަކެއް ވަރަށް އަވަހަށް ގެނެސް އެ ބަދަލު މަޖިލީހަށް ހުށަހަޅާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ގައުމީ ސަލާމަތާ ހާރިޖީ ގުޅުންތަކުގެ ކޮމެޓީގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ އެ ގާނޫނު މިހާރު އޮތް ގޮތް ބަދަލުކުރުމުގެ ބަދަލުގައި އަދިވެސް އެ ގާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށެވެ.

ނަމަވެސް އިމްރާން ވިދާޅުވީ ކުރީ ސަރުކާރުން ގެނެސްފައިވާ އިސްލާހުގެ ސަބަބުން ގާނޫނުއަސާސީގައި ބަޔާންކުރާ ހައްގުުތަކަށް އުނިކަން އަންނަ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އިސްލާހެއް ގެންނަ ނަމަ އެ އިސްލާހަކީ އޭގެ އެންމެ ފައިދާ ބޮޑު ނުވަތަ އެންމެ ރަނގަޅަށް ބޭނުންކުރެވޭނެ އިސްލާހަކަށް ހެދުމަކީ ވެސް މުހިއްމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިމްރާން ވަނީ ކޮމެޓީގައި ބައެއް މިސާލުތައް ދެއްވާފައެވެ. އެގޮތުން ގްރީން ޒޯނެއް ކަނޑައެޅުން ނުވަތަ އެއްވެ އުޅުމަށް ވަކި ވަގުތުތަކެއް ކަނޑައެޅުން ހިމެނެއެވެ.

"އަޅުގަނޑުވެސް ނެތިން ސީދާ ވަކި ގޮތެއް ކުއްލިއަކަށް މިހެން ދަންނަވާކަށް. އެހެން ނަމަވެސް އިސްލާހުކުރެވެން ވާނެ ކަަމަށް އަޅުގަނޑު ގަބޫލުކުރަން. މިހާރު މިއޮތީ ވަރަށް ބޮޑަށް ހިފެހެއްޓިފައި،" އިމްރާން ވިދާޅުވިއެވެ.

އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެންނަ ބަދަލުތަކުގެ ޑްރާފްޓެއް ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.

މި މައްސަލާގައި ވާހަކަދައްކަވަމުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވެސް ވަނީ ކުރީ ސަރުކާރުން ގެނެސްފައިވާ އިސްލާހު އުވާލުމާއި ދެކޮޅަށް ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ އެ އިސްލާހު އުވާލުމުގެ ބަދަލުގައި އެއްވެ އުޅެވޭނެ ތަންތަން އިތުރު ކުރެވިދާނެ ކަމަށެވެ. މިހާރު ގާނޫނަށް ގެނެސްފައިވާ ބަދަލު އެއްކޮށް އުވާލައިފި ނަމަ ގެއްލިގެންދާ ވަރަށް ގިނަ ހައްގުތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެތެރޭގައި ކުޑަކުދިންގެ ހައްގުތަކާއި ވިޔަފާރިކުރާ ފަރާތްތަކުގެ ހައްގުތަކާއި ހިނގާބިނގާވެ އުޅޭ މީހުންގެ ހައްގުތައް ފަދަ ގިނަ ހައްގުތަކަކަށް އުނިކަން އަންނާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނެސް، ފުލުހުންނަށް ކުރިން ނޯޓިސް ދިނުމަކާ ނުލައި އެއްވެ އުޅެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދަށް ކަމަށް ގާނޫނުގައި ލިޔުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ. އެ އިސްލާހަށް އޭރުގެ އިދިކޮޅު، މިހާރު ސަރުކާރުގައި ހުރިހާ ޕާޓީއެއްގެ ބޭފުޅުންވެސް އަޑު އުފުލިއެވެ.

Leave a Reply

Your email address will not be published. Required fields are marked *