ޖޫރިމަނާ ނުދެއްކޭނަމަ މުޖުތަމައުއަށް ހިދުމަތްކުރަން ނެރެވޭ ގޮތަށް ބިލު ފާސްކޮށްފި

މާލޭގައި ކޮވިޑް19 އާ ގުޅިގެން ކާފިއު ހިންގި ވަގުތު މަގުތަކަށް ނިކުމެ އުޅުނު މީހުންނާއި ފުލުހުންތަކެއް ސުވާލުކުރަނީ: ފޮޓޯ / ޕޮލިސް

ޓްރެފިކް ޖޫރިމަނާ ނުދެއްކޭނަމަ މުޖުތަމައަށް ފައިދާ ކުރާ ފަދަ ހިދުމަތެއް ނުވަތަ މަސައްކަތެއް ކުރުމަށް ނެރުމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހެޅުމުގެ ބާރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބޭ ގޮތަށް އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނު އިސްލާހުކޮށްފިއެވެ.

އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔާސިރު އަބްދުއްލަތީފެވެ.

މިއަދު އެ ބިލް ފާސްކުރީ 62 މެމްބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވައެވެ.

އެ ބިލުގައި ޖޫރިމަނާގެ އަދަދު 10،000 ރުފިޔާ އަށްވުރެ އިތުރުވެފައިވާ ފަރާތްތަކުގެ ޖޫރިމަނާގެ ބަދަލުގައި، އެ މީހަކު މުޖުތަމައަށް ފައިދާ ކުރަނިވި ކަމެއް ނުވަތަ މަސައްކަތެއް ނުވަތަ ޚިދުމަތެއް ކުރުމަށް ނެރުމުގެ އަމުރަކަށް އެދި ޝަރީއަތަށް ހުށަހެޅުމުގެ ބާރު މީރާއަށް ލިބިގެންވާ ގޮތަށް ހެދުމަށް ހިމަނާފައެވެ.

އަދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުން ކަނޑައަޅާ ދުވެއްޔަށް ވުރެ ބާރަށް ދުއްވާ މީހުން ޖޫރިމަނާ ކުރެވޭ ގޮތަށް ވެސް ވަނީ ހަމަޖައްސާފައެވެ.

އެގޮތުން ފުރަތަމަ ފަހަރުނަމަ 500 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، އެކަން ތަކުރާރުކޮށްފިނަމަ ވާނެގޮތް ބުނެދީ ނަސޭހަތްތެރިވުމަށް ހިމަނާފައިވާއިރު ދެވަނަ ފަހަރުނަމަ 750 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، އެ އުޅަނދު ދުއްވި މީހާއަށް ދޫކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް 48 ގަޑިއިރަށް ހިފެހެއްޓުމަށް ވަނީ ހިމަނާފައެވެ.

ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް ދުއްވައިގެން މީހެއްގެ ފުރާނަ އަށް ގެއްލުމެއް ލިބިއްޖެ ނަމަ، ގާނޫނުލްއުގޫބާތުގެ ދަށުން އެ މީހަކަށް ޖިނާއީ ދައުވާ ކުރުމާ އެކު، ލައިސަންސް 10 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަށް ހިިފެހެއްޓުމުގެ ބާރު ލިބޭ ގޮތްްވެސް ބިލުން ވަނީ ހަދައިފައެވެ. އަދި ހަށިގަނޑަށް ލިބުނު ގެއްލުމަށަށް ބަލާފައި ހަ މަހާއި ފަސް އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ލައިސެންސް ހިފެހެއްޓޭނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *