އޮޑިޓް ރިޕޯޓުތަކުގެ މައްސަލަ ތަހުގީގުކޮށް ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އަޅަން ގޮވާލައިފި

އަދާލަތު ޕާޓީގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ކޮވިޑް19 އާއި ގުޅިގެން އޮޑިޓާ ޖެނެރަލް އޮފީހުން އޮޑިޓު ކޮށްފައިވާ ޓޫރިޒަމް މިނިސްޓްރީއާ ހެލްތު މިނިސްޓްރީގެ އޮޑިޓު ރިޕޯޓުތަކުގައި ކަންބޮޑުވާ ކަންކަން އެބަހުރި ކަމަށް ސަރުކާރު ކޯލިޝަން ޕާޓީ އަދާލަތު ޕާޓީން ބުނެފިއެވެ.

އެޕާޓީން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ކޮވިޑް19 އާއި ގުޅިގެން އެކިއެކި އިދާރާތަކުން ކޮށްފައިވާ ހަރަދުތަކާ ގުޅޭ އޮޑިޓް ރިޕޯޓުތަކުން ފެންމަތިވެފައިވާ ބޮޑެތި މައްސަލަތަކަކީ އެ ޕާޓީގެ ނުހަނު ކަންބޮޑުވުން ހުރިކަންކަން ކަމަށެވެ.

އެޕާޓީން ބުނީ ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ފަދައިން، ތަހުގީގީ އިދާރަތަކުން އެކަންކަން އަވަހަށް ބަލާ، އެއްވެސް ތަފާތުކުރުމެއްނެތި އެކަމުގައި ޒިންމާވާ އެންމެހައި ފަރާތްތަކަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓު ރިޕޯޓު ނެރެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެގޮތުން އެ ރިޕޯޓުގައި ކޮވިޑް19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން 26 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށާއި ނަމަވެސް އެ ހަރަދުތަކުގެ ތެރެއިން ގިނައީ މެންޑޭޓާ ގުޅުން ނެތް ކަންކަން ކަމަށް ވަނީ ބުނެފައެވެ.

ހެލްތު މިނިސްޓްރީގެ އޮޑިޓު ރިޕޯޓު މިދިޔަ އާދީއްތަ ދުވަހު ނެރެފައިވާއިރު ކޮވިޑް-19 ޖެހޭ ބަލި މީހުންނަށް ފަރުވާ ދިނުމަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި ދުބާއީގެ "އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް" ކުންފުންޏާ ހަވާލުކުރިއިރު ގެރެންޓީއަކާއި ނުލާ އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި 30.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.