އިންސާފު ގާއިމްކުރުމުގެ މާހައުލެއް ނެތް ކަމަށް ވިދާޅުވެ ޝުޖާއު މަގާމުން އިސްތިއުފާ ދެއްވައިފި

ޝުޖާއު އުސްމާން: ފޮޓޯ / މިހާރު

އިންސާފު ގާއިމް ކުރުމުގެ މާހައުލެއް ނެތް ކަމަށް ވިދާޅުވެ ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމުގައި ހުންނެވި ޝުޖާއު އުސްމާން މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޝުޖާއު އުސްމާން ފަަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވިއިރު، އޭނާ މަގާމުން ވަކި ކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަނު (ޖޭއެސްސީ)ގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. އަދި އެ މައްސަލަ އިތުރަށް ދިރާސާ ކުރެއްވުމަށް މަޖިލީހުގެ ކޮމެޓީއަށް ވަނީ ފޮނުވާފައެވެ.

ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައި ޝުޖާއު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އޭނާ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ހައިކޯޓަށް ހުށަހެޅެމުންދާ ވަކިވަކި މައްސަލަތަކަށާއި އަދި ހުށަހެޅިފައިވާ ވަކި މައްސަލަތަކަށް ނުފޫޒު ފޯރުވުމަށްޓަކައި މަސައްކަތްކުރަމުންދާތީ އާއި ފަނޑިޔާރުންގެ ފުރިހަމަ މިނިވަންކަމާއި މުސްތަޤިއްމުކަން ގެއްލިފައިވާކަމުގެ އިޙްސާސް ކުރެވޭތީ ކަމަށެވެ. އަދި މިނިވަންކަމާއި، ޢަދުލުވެރިކަމާއި، ހަމަހަމަކަމާއެކު ވަކިފަރާތަކަށް ނުޖެހި ޢަދުލު އިންޞާފު ގާއިމުކުރުމުގެ މާހައުލެއް ޝަރުޢީ ދާއިރާގައި މި ވަގުތަށް ނެތްކަމަށް އޭނާއަށް ޤަބޫލުކުރެވޭ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

"އަދި މިހާރު އޮތް ރައްޔިތުންގެ މަޖިލީހުންވެސް އަޅުގަނޑަށް އިންސާފު ނުލިބޭނެކަން ގަބޫލު ކުރެވޭ ހިނދު، ގާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު)ގެ 27 ވަނަ މާއްދާއާ ހަވާލާދީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން މިއަދު 17 އޯގަސްޓު 2020 ވީ ހޯމަ ދުވަހުން ފެށިގެން އަޅުގަނޑު އިސްތިއުފާދީފީމެއެވެ." ޝުޖާއުގެ ބަޔާނުގައިވެއެވެ.

ޝުޖާއު ވަނީ ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި ކޯޓުގެ މެޖިސްޓްރޭޓްކަމާއި، އެ އަތޮޅުގެ އިސް މެޖިސްޓްރޭޓްކަމާއި، އދ. އަތޮޅުގެ އިސް މެޖިސްޓްރޭޓް ކަމާއި، ކުރިމިނަލް ކޯޓުގެ ގާޒީކަމާއި، ހައިކޯޓުގެ ފަނޑިޔާރުކަމާއި، އެކޯޓުގެ އުތުރު ގޮފީގެ ފަނޑިޔާރުކަމާއި އަދި ހައިކޯޓުގެ އިސް ފަނޑިޔާރުކަން ކުރައްވައިފައެވެ.

"މިހާ ދިގު މުއްދަތެއްގައި އަޅުގަނޑު ހިދުމަތް ކޮށްފައިވާއިރު، ޝަރުއީ ދާއިރާއިން ރިޓަޔާ ކުރުމުގެ ފުރުސަތުވެސް އަޅުގަނޑަށް ދިނުމަކާނުލާ ފަނޑިޔާރުކަމުގެ މަގާމުން މިއަދު އަޅުގަނޑު ދުރަށްދާން މިޖެހުނީ އެއްވެސް އަސާސެއް ނެތްކަމެއްގެ މައްޗަށް ބިނާކޮށް ބަދަލުހިފުމާއި ޒާތީ ހަސަދުވެރިކަމާއި ވަކި ސިޔާސީ ފިކުރެއް ކުރިއެރުވުމައްޓަކައި ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމި އަނިޔާވެރި ނިންމުމުގެ ސަބަބުންނެއެވެ." ޝުޖާއުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ފަނޑިޔާރު ޝުޖާއު އާ ގުޅޭގޮތުން ބަލަމުން ގޮސްފައި ވަނީ ދެ މައްސަލައެކެވެ .އޭގެ ތެރޭގައި ހިމެނޭ ފުރަަތަމަ މައްސަލައަކީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ގއ. ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއްކޮށް ރިޔާސީ ކެންޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތް ކުރި މައްސަލައެވެ.

އަދި ދެވަނަ މައްސަލައަކީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި ގެމަނަފުށީ މީހެއްގެ އާއިލާގެ މީހުންނާ ބައްދަލުކޮށް، އެމީހުންގެ ވޯޓު ލިބިއްޖެކަމުގައިވާނަމަ ބަންދުގައި ހުރި މީހާ މިނިވަންކުރާނެ ކަމުގެ މަޝްވަރާކުރިކަމަށް ބުނާ މައްސަލައެެވެ. ޝުޖާއު އެ ތުހުމަތު ތަކަށް އިންކާރަ ކުރައްވައެވެ.

Leave a Reply

Your email address will not be published. Required fields are marked *