ވެންޓިލޭޓަރު މައްސަލާގައި އޭސީސީން ޕީޖީއާ އެކު މަޝްވަރާ ކުރަނީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ / އަވަސް

ކޮވިޑް-19 ޖެހޭ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހެލްތު މިނިސްޓްރީން ގެނެސްފައިވާ ވެންޓިލޭޓަރުތަކުގެ މައްސަލާގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި ހާމަކޮށްފައި ވަނިކޮށް އެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ)އާ އެކު މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ކޮވިޑް19 އާއި ގުޅިގެން ވެންޓިލޭޓަރު ހޯދުމުގެ މައްސަލައާ ގުޅިގެން އޭސީސީން މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ އެ މައްސަލައިގެ ތަހުގީގުގެ މަސައްކަތް މިހާރު ފުރިހަމަކުރުމުގެ މަރުޙަލާގައިވާއިރު، އަދި މިހާތަނަށް ލިބިފައިވާ ހެކިތަކަށް ރިއާޔަތްކޮށް އެ މައްސަލާގައި ތުހުމަތު ކުރެވޭ ކަންކަމާ ގުޅޭގޮތުން ޕްރޮސިކިއުޓަރު ޖެނެރަލްއާއެކު މި ހަފްތާ ތެރޭގައި މަޝްވަރާކުރަން ފަށާނެ ކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން ވެންޓިލޭޓަރު ހޯދުމުގެ މައްސަލައާ ގުޅޭގޮތުން އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލާގައި، ކޮރަޕްޝަނުގެ އަމަލެއް ނެތް ކަމަށް އޭސީސީން ނިންމާފައިވާކަން ދޭހަވާ ގޮތަށް މީޑިއާތަކުންނާއި މީސްމީޑިއާގައި ވާހަކަތައް ދެކެވެމުން އަންނަ ކަމަށް އޭސީސީން ބުނެއެވެ. އޭސީސީން ބުނީ އެ މައްސަލައަކީ އެ ކޮމިޝަނުން އަމިއްލަ އަށް އިސްނަގައިގެން ތަހުގީގު ކުރަމުން އަންނަ މައްސަލައެއް ކަމަށެވެ. އަދި މިހާތަނަށް އެއްވެސް މަރުހަލާއެއްގައި އެކަމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުހިމެނޭ ކަމަށް ބުނެފައި ނުވާނެ ކަމަށް އޭސީސީން ބުންޏެވެ.

"ވެންޓިލޭޓަރު ހޯދުމުގައި އަމަލުކޮށްފައިވާ ގޮތާގުޅޭ މައްސަލާގައި ރައްޔިތުންނާއި ދައުލަތުގެ އިދާރާތަކުގެ ކަންބޮޑުވުންތަކެއް ހުރުމުން، މި މައްސަލާގައި ކޮމިޝަނަށް އެހަތާނަށް ލިބިފައިވާ ލިޔެކިޔުންތަކާއި އަދި ތަހުގީގަށް އަސަރުކޮށްފާނެ ފަދަ މައުލޫމާތު ނުހިމަނައި، މައްސަލާގައި ފާހަގަކުރެވުނު މައިގަނޑު ކަންކަން ހިމެނޭގޮތަށް ހުލާސާ ރިޕޯޓެއް އެކުލަވާލައި 21 މޭ 2020 ގައި ރިޕޯޓު އާންމުކޮށްފައިވާއިރު، އޭރު އެމައްސަލާގައި ކޮމިޝަނުން ވަކިގޮތެއް ނިންމާފައިނުވާނެއެވެ. އަދި، އެ ރިޕޯޓަކީ، މައްސަލައިގެ ތަހުގީގު ރިޕޯޓެއް ނޫންކަން ބަޔާންކޮށް، ކޮމިޝަނުން ރިޕޯޓު އާންމުކުރި އިރުގައިވެސް މައްސަލަ އިތުރަށް ތަހުގީގު ކުރިއަށްދާކަން ރިޕޯޓުގައި ފާހަގަކޮށްފައިވާނެއެވެ. އަދި، މައްސަލާގައި ކޮރަޕްޝަނުގެ އަމަލެއް އެކުލެވިގެން ނުވާކަމަށް ކޮމިޝަނުން ނިންމާފައެއް ނުވާނެއެވެ." އޭސީސީން ބުންޏެވެ.

އެ ރިޕޯޓު އާންމުކުރުމުގެ މައިގަނޑު އެއް މަގުސަދަކީ، އެ މައްސަލައަކީ ރައްޔިތުންގެ މަސްލަހަތާ ގުޅުންހުރި ކަމަކަށްވެފައި، އެ މައްސަލަ ކުރިއަށްނުދާ ކަމަށް ދޭހަވާގޮތަށް ވާހަކަދެކެވި އާންމުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރިކަމަށް ފާހަގަކުރެވިފައިވާތީ، އެމައްސަލައިގެ ތަހުގީގުގެ މަސައްކަތް އެހާތަނަށް ގޮސްފައިވާ ހިސާބު އަންގައިދީ، ރައްޔިތުންނަށް ޖަވާބުދާރީވުން ކަމަށް އޭސީސީން ބުންޏެވެ. އެ މައްސަލާގައި ކޮރަޕްޝަނުގެ އަމަލެއް ހިނގާފައި ނެތް ކަމަށް އެ ކޮމިޝަނުން ނިންމާފައިވާކަން ދޭހަވާގޮތަށް ދެކެވޭ ވާހަކަތަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އޭސީސީގެ ބަޔާނުގައިވެއެވެ.

އޭސީސީން މިގޮތަށް ބުނެފައިވާއިރު ވެންޓިލޭޓަރު މައްސަލާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އޭސީސީއާ ފުލުހުންނަށް އެ މައްސަލަ ތަހުގީގު ކުރުމަށް އަންގާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *