ހެލްތު އޮޑިޓު ތަހުގީގު ކުރަން ކަމާބެހޭ އިދާރާތަކަށް ރައީސް އަންގައިފި

ހެލްތު މިނިސްޓަރު އަމީންއާ އެކުގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ސޯލިހު---

ހެލްތު މިނިސްޓްރީން ކޮވިޑް-19 އާއި ގުޅިގެން ކޮށްފައިވާ މަސައްކަތްތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ނެރެފައިވާ ރިޕޯޓާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ފުލުހުންނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަންގަވައިފިއވެެ.

ރައީސް އަންގަވާފައި ވަނީ މި ދެ އިދާރާގެ ޖޮއިންޓު ތަހުގީގެއް ހިންގެވުމަށެވެ.

ހެލްތު މިނިސްޓްރީގެ އޮޑިޓު ރިޕޯޓު އިއްޔެ ނެރެފައިވާއިރު ކޮވިޑް-19 ޖެހޭ ބަލި މީހުންނަށް ފަރުވާ ދިނުމަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި ދުބާއީގެ "އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް" ކުންފުންޏާ ހަވާލުކުރިއިރު ގެރެންޓީއަކާއި ނުލާ އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި 30.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައި ވަނީ، މަސައްކަތްކޮށްދޭ ފަރާތަށް ނުވަތަ ޚިދުމަތް ފޯރުކޮށްދޭ ފަރާތަށް ނުވަތަ ތަކެތި ފޯރުކޮށްދޭ ފަރާތަށް އެޑްވާންސް ފައިސާ ދޭނަމަ، އެ ފަރާތަކުން އެ އެޑްވާންސް ޕޭމަންޓާ އެއްވަރުގެ ޕޭމަންޓް ގެރެންޓީއެއް ހޯދަންޖެހޭނެ ކަމަށެވެ.

ނަމަވެސް، ވެންޓިލޭޓަރުތައް ފޯރުކޮށްދިނުމަށް "އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގް" އާ އެކު ހެދި އެއްބަސްވުމުގެ ދަށުން، މިނިސްޓްރީ އޮފް ހެލްތުން މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދައާއެކު، ދެ ފަހަރެއްގެ މަތިން އެ ޕްރޮޖެކްޓްގެ އަގުގެ ޖުމްލަ 90 ޕަސެންޓު ކަމުގައިވާ 30،9 މިލިއަން ރުފިޔާ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދައްކާފައި ވާއިރު، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައި ވާގޮތުގެ މަތީން އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހެލްތު މިނިސްޓްރީން ހޯދާފައި ނުވާ ކަމަށެވެ.

ތިންލައްކައަށްވުރެ ގިނަ ގިނަ ޕާރސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓްސް (ޕީޕީއީ) ހޯދުމަށް 32 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށާއި އެހެންނަމަވެސް ލިބިފައިވަނީ އެންމެ 2،000 ސާޖިކަލް ކެޕް އެކަނި ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *