ފޮރިންއާ ޕްލޭނިންގެ އޮޑިޓް ރިޕޯޓުތައް ވަނީ ފޮރުވާފައި: ޝިޔާމް

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މަޖިލިސް ޖަލްސާއެއްގައި: ފޮޓޯ / މަޖިލިސް

ފޮރިން މިނިސްޓްރީ އަދި ޕްލޭނިން މިނިސްޓްރީގެ އޮޑިޓު ރިޕޯޓުތަކެއް ފޮރުވާފައިވާ ކަމަށާއި އެ ރިޕޯޓުތައް ހާމަ ކުރުމަށް ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިގޮތަށް ޝިޔާމް ވިދާޅުވީ ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީން ހަރަދުކޮށްފައިވާ ގޮތުގެ އޮޑިޓް ރިޕޯޓާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

ޝިޔާމް ވިދާޅުވީ އެ ދެ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުތައް ފޮރުވާފައި ވަނީ ސަރުކާރުގެ އިތުރު ވައްކަންތައް ފަޅާ އަރާފާނެތީ ކަމަށާއި އެހެންކަމުން އެ އޮޑިޓު ރިޕޯޓުތައް ހާމަ ކުރުމަށް ގޮވާލާ ކަމަށެވެ.

"ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓެއް ވެސް އެބައޮތް. ހާމަނުކުރަނީ. އެ އޮޑިޓް ރިޕޯޓްގައި އިންތިހާއަށް ކަންބޮޑުވާ ކަންތައްތައް އެބަހުރި." ޝިޔާމް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ޝިޔާމް ވަނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކިބައިން ވެސް އެ ރިޕޯޓު ހޯއްދަވައި ދެއްވާ އެ ރިޕޯޓު އާއްމު ކުރެއްވުމަށް ގޮވާލައިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *