ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން ޓޮމް މަޖިލީހަށް ބިލެއް ހުށަހަޅައިފި

މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް): ފޮޓޯ / މަޖިލިސް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލެއް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު (ޓޮމް) ހުށަހަޅުއްވައިފިއެވެ.

އެ ބިލުގައި ޖޭއެސްސީގައި މިހާރު ތިއްބަވާ ބައެއް މެންބަރުން ނުތިބޭ ގޮތަށް ވަނީ އެކުލަވާލައިފައެވެ. އެގޮތުން މިހާރު ޖޭއެސްސީގައި އިންނަވާ މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ މެންބަރު އުނިކުރަން ހިމަނާފައިވާއިރު ބަންޑާރަ ނައިބު އާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ވެސް އެ ކޮމިޝަންގައި ނުހިމެނޭ ގޮތަށް ބިލު ވަނީ އެކުލަވާލައިފައެވެ.

ހަމައެއާއިއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރާއި އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރުގެ ބަދަލުގައި ގާނޫނީ ފަންނުގެ ދާއިރާ ފިޔަވައި އެހެން ފަންނުގެ ތެރެއިން ރައީސް ހުށަހަޅުއްވާ ނަންތަކުގެ ތެރެއިން މަޖިލީހުން ރުހުން ދޭ ބޭފުޅަކު ކޮމިޝަނަށް އައްޔަން ކުރުމަށް ބިލުގައި ހިމަނާފައިވެއެވެ.

މިހާރު ވެސް ޖޭއެސްސީގައި އިންނަވާ ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކާއި ދަށު ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކު އިންނަން މި ބިލުގައިވެސް ވެއެވެ. މިހާރު ކޮމިޝަންގައި އިންނަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރުގެ މެންބަރު ކަމުގައި އުއްތަމަ ފަނޑިޔާރު އިންނަވަންޖެހޭ ގޮތަށްވެސް ބިލަށް އިސްލާހު ވަނީ ހުށަހަޅާފައެވެ. މީގެ އިތުރަށް ވަކީލުންގެ ތެރެއިން އިންތިހާބު ކުރެވޭ އަންހެން ވަކީލަކު ވެސް އިންނަވަން ބިލުގައިވެއެވެ.

ޖޭއެސްސީ މިހާރު އެކުލެވިގެންވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ އެއިރެއްގެ ސަރުކާރު ހިންގާ ބަޔަކު އެ ކޮމިޝަނުގެ ކޮންޓްރޯލް ނަގާ ކަމުގެ ވާހަކަތައް އެންމެ ގަދައަށް ދެއްކީ މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން އޭރު އިދިކޮޅުގައި ތިބެގެންނެވެ. އަދި ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން ޖެހޭ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

ނަމަވެސް ވެރިކަމަށް ވަޑައިގެން މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ލިބުނުއިރުވެސް ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ނުކުރުމަށް ސަރުކާރާ މަޖިލީހަށް އަންނަނީ ފާޑު ކިޔުންތައް އަމާޒުވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *