ރައީސް ޔާމީނާ ބައްދަލުކުރައްވަން ވަކީލުން ބޭނުމެއް ނުވޭ: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލިސް ޖަލްސާއެއްގައި: ފޮޓޯ / މަޖިލިސް

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވަކީލުން އެމަނިކުފާނާ ބައްދަލުކުރައްވަން ބޭނުން ނުވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިއަދު ވިދާޅުވީ ޔާމީންގެ ވަކީލު ބައްދަލުވުން ހަމަޖައްސަން ރާއްޖޭގެ އެއްވެސް ކޯޓަކުން އޭނާގެ މައްޗަށް އަމުރެއް ނެރުއްވާފައި ނެތް ކަމަށެވެ. އަދި ބައްދަލުވުން ހަމަޖައްސަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސްނެގުމަށް ލައްކަ މަސައްކަތް ކުރެވިފައިވާ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. އަދި ވިދާޅުވީ ބައްދަލުވުން ނުބޭއްވިގެން އުޅެނީ އެކަން ކުރައްވަން ވަކީލު ބޭނުން ނުވާތީ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ރިޝްވަަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން އިއްޔެ ވަނީ ބާއްވާފައެވެ.

އެ އަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވީ ކޯޓަށް މިހާރު ހުށައަޅާފައިވާ މައްސަލައިގެ އެއްވެސް ލިޔެކިއުމެއް މިހާތަނަށް ލިބިވަޑައިގެންފައި ނުވާ ކަމަށާއި ލިޔުންތައް ހުރީ ވަކީލުންގެ އަތުގައި ކަމަށެވެ. އަދި ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ނުލިބޭ ކަމަށާއި އެލިޔެކިއުންތައް ބައްލަވާފައި ނޫންގޮތަކަށް ޝަރީޢަތް ކުރިއަށްގެންދަން ފަސޭހަ ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ.

ނަމަވެސް ދައުލަތުން ވަނީ ޔާމީނާ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ކަރެކްޝަނަލް ސަރވިސުން ދީފައިވާކަން އެސަރވިސްގެ ސިޓީއަކާ ހަވާލާދެއްވާ ވިދާޅުވެފައެވެ. އަދި މާފުށްޓަށް ވަކީލުން ވަޑައިގަތުމުން ޔާމީނާ ބައްދަލުކުރުމުގެ އިންތިޒާމު ހަމަޖެހޭނެކަން ކަރެކްޝަންސް އިން ވަކީލުންނަށް އަންގާފައިވާ ކަމަށް ވެސް ދައުލަތުން ވިދާޅުވިއެވެ.

މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލު ވިދާޅުވީ ދެ ފަރާތުގެ ވާހަކަތަކުން އެނގޭ ގޮތުގައި ރައީސް ޔާމީނަށް ވަކީލުންނާ ބައްދަލުކުރެވޭނެ ގޮތް ނުވާކަން އެނގޭ ކަމަށެވެ.

އެހެންކަމުން މައްސަލަ ރައްދުވާ ފަރާތާއި ދިފާއީ ވަކީލުންނާ ސީދާ ބައްދަލުކުރެވޭނެގޮތަށް ޕްރައިވެޓް ބައްދަލުވުމެއް ދިނުމަށް ކަރެކްޝަނަލް ސާވިސްގެ މައްޗަށް އިއްޔެ އަމުރެއް ނެރުއްވާނެ ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ލިބިގެން ނުދާތީ އެކަމާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *