ވެރިކަމަށް ދެއަހަރު ނުވަނީސް ދައުލަތުގެ ހަޒާނާ ދަވާލާ ގައުމު ދަރުވާލައިފި: އަދުރޭ

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) / ފޮޓޯ- ސަން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމަށް ދެއަހަރު ނުވަނީސް ދައުލަތުގެ ހަޒާނާ ދަވާލައިފި ކަމަށް ވިދާޅުވެ އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

އަދުރޭ ކުރެއްވި ޓްވީޓެއްގައި މިރޭ ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމަށް ދެ އަހަރު ނުވަނީސް ދައުލަތުގެ ހަޒާނާ ދަވާލާ ގައުމު ދަރުވާލާފައިވާ ކަމަށެވެ. އަދި ރައްޔިތުން ބަނޑަށް ޖައްސައިފި ކަމަށާއި ގައުމު ވިއްކާލާފައިވާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"ކޮވިޑަކީ ވައްކަން ކުރަން ލިބުނު ރަނުގެ ފުރުސަތަކަށް ހަދާ ބޮޑުންގެ ޖީބުތައް ފުރާލައިފި. މުގުލުގައި ހުރީ ރައީސް ސޯލިހު،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިފަދައިން ވިދާޅުވެފައި މިވަނީ ޓޫރިޒަމް މިނިސްޓްރީއާ ހެލްތު މިނިސްޓްރީން ކޮވިޑް-19 އާ ގުޅިގެން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެތައް ކަމެއް ކޮށްފައިވާ ކަމަށް އެ ރިޕޯޓުތަކުގައި ބުނެފައި ވަނިކޮށެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓު ރިޕޯޓު ނެރެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެގޮތުން އެ ރިޕޯޓުގައި ކޮވިޑް19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން 26 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށާއި ނަމަވެސް އެ ހަރަދުތަކުގެ ތެރެއިން ގިނައީ މެންޑޭޓާ ގުޅުން ނެތް ކަންކަން ކަމަށް ވަނީ ބުނެފައެވެ.

ހެލްތު މިނިސްޓްރީގެ އޮޑިޓު ރިޕޯޓު މިއަދު ނެރެފައިވާއިރު ކޮވިޑް-19 ޖެހޭ ބަލި މީހުންނަށް ފަރުވާ ދިނުމަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި ދުބާއީގެ "އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް" ކުންފުންޏާ ހަވާލުކުރިއިރު ގެރެންޓީއަކާއި ނުލާ އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި 30.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *