ތިންލައްކަ ޕީޕީއީ ގަތުމަށް 32 މިލިއަން ހޭދަކުރި، ލިބުނީ 2،000 ސާޖިކަލް ކެޕް!

ޕީޕީއީ ލައިގެން ތިބި ސިއްހީ ހިދުމަތްތެރިންތަކެއް: ފޮޓޯ / ހަތާވީސް

ތިންލައްކައަށްވުރެ ގިނަ ގިނަ ޕާރސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓްސް (ޕީޕީއީ) ހޯދުމަށް 32 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށާއި އެހެންނަމަވެސް ލިބިފައިވަނީ އެންމެ 2،000 ސާޖިކަލް ކެޕް އެކަނި ކަމަށް ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި ބުނެފިއެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ ކޮވިޑް19 އާ ގުޅިގެން ބޭނުންވާ ޕާސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓްސް (ޕީޕީއީ) ހޯދުމަށް ޖުމްލަ 32 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ހެލްތު މިނިސްޓްރީން އެސްޓީއޯ ޕަބްލިކް ލިމިޓެޑަށް އެޑްވާންސްކޮށް ދައްކާފައިވާ ކަމަށެވެ.

ގަތުމަށް ހަވާލުކުރި ތަކެތި: 

- 5،000 ސާޖިކަލް ގައުން

- 9،975 ހެޒްމެޓު ސޫޓު

- 10،000 ޑިސްޕޮސެބަލް ފޭސް ޝީލްޑް

- 4،950 ރީ-ޔޫސެބަލް ޕްރޮޓެކްޓިވް ގޮގުލްސް

- 10،000 ޑިސްޕޮސެބަލް ޝޫ ކަވާ

- 9،000 ޑިސްޕޮސެބަލް ހެޑް ކަވާ (ސާޖަން ކެޕް)

- 1،000 އެންކަލް ބޫޓު

- 50 ބޮޑީ ބޭގް

- 256،000 N95 3M މާސްކު

"ނަމަވެސް، މި ގޮތުގެމަތިން ފައިސާ ދެއްކުނު ތަކެތީގެ ތެރެއިން 2،000 ސާޖަން ކެޕް ފިޔަވައި، ދެންހުރި ތަކެތި މިނިސްޓްރީ އަށް ލިބިފައި ނުވާ ކަމަށް، އެ ފަރާތުން މަޢުލޫމާތު ލިބިފައިވެއެވެ. މިނިސްޓްރީން މަޢުލޫމާތު ދިންގޮތުގައި، މި ތަކެތީގެ ސްޓޮކް މެނޭޖްކުރުމާއި ޑިސްޕެޗް ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ރައީސް އޮފީސް، އެސް.ޓީ.އޯ ޕަބްލިކް ލިމިޓެޑު އަދި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރީޓީންނެވެ. ނަމަވެސް، މި މުޢާމަލާތުގެ ދަށުން ހޯދޭ ތަކެތީގެ ސްޓޮކް ރެކޯޑުތައް މިނިސްޓްރީ އޮފް ހެލްތުން ބަލަހައްޓާފައި ނުވާތީ، އެސް.ޓީ.އޯ އިން، އެކިއެކި މުއައްސަސާތަކަށް ސަޕްލައިކޮށްދިން ތަކެތީގެ އަދަދާއި، ސްޓޮކް ބާކީގެ ގޮތުގައި ހުންނަންޖެހޭ މިންވަރާއި، ހުރި މިންވަރު، އެ މިނިސްޓްރީއަށް އެނގޭކަން ނެތެވެ" އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ.

އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ މިހާތަނަށް ލިބިފައިވާ މުދަލުގެ ފައިސާގެ އަދަދާއި، ނުލިބި ހުރި މުދަލަށް ޖެހޭ ފައިސާގެ އަދަދު ބަލަހައްޓާފައި ނުވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *