ޑޮކްޓަރުގެ ޓެސްޓުތައް ހެއްދެވުމަށް ރައީސް ޔާމީން ދެކޮޅު ހައްދަވާ: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ---

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަށް ޑޮކްޓަރުން ދެއްވާފައިވާ ޓެސްޓުތަކެއް ހެއްދެވުމަށް އެމަނިކުފާނު ދެކޮޅު ހައްދަވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު އިދިކޮޅު ކޯލިޝަނުން އެމަނިކުފާނާ [އިމްރާނާ] ބައްދަލުކުރެއްވި ކަމަށާއި އަދި ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދިނުމަށް އެދިވަޑައިގެންނެވި ކަމަށެވެ.

މީގެއިތުރުން ޑޮކްޓަރުން ދެއްވާފައިވާ ލިޔެކިއުންތައް އިމްރާނާ ހިއްސާ ކުރެއްވި ކަމަށާއި އެ ލިޔުންތަކުގައި ޓެސްޓުތަކެއް ހެއްދެވުމަށް ޑޮކްޓަރު އިރުޝާދު ދެއްވާފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ. ނަމަވެސް ރައީސް ޔާމީން އެ ޓެސްޓުތައް ހެއްދެވުމަށް އެއްވެސް ގޮތަކަށް އެއްބަސްވެވަޑައި ނުގަންނަވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

ޓެސްޓުތައް ހެއްދެވުމަށް ރައީސް ޔާމީން ދެކޮޅު ހައްދަވާ ސަބަބެއް އިމްރާން ވިދާޅެއް ނުވެއެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީނަށް އަސާސީ އެއްވެސް ހިދުމަތެއް އުނި ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. ކަންކަން ކޮށްދެވެން އޮތް އެންމެ ރަނގަޅަށް ކަންކަން ކޯށްދެއްވާނެ ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިޔާސީ ބޭފުޅުން ޖަލަށް ލުމަށްފަހު ކަންކަން ކުރެއްވި ގޮތަށްވުރެ މާބޮޑަށްވެސް ރަނގަޅަށް ކަންކަން ކުރައްވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *