އަނގަޔަށް ލައްފިލުވާ އެޅި މައްސަލާގައި ގަސްދުގައި މީހަކު މަރާލަން އުޅުނު ކަމުގެ ދައުވާ އުފުލައިފި

ރ. އަލިފުށި: ފޮޓޯ / އަލިފުށި އޮންލައިން

ރ. އަލިފުށީގައި އަންހެނެއްގެ އަނގަޔަށް ލައްފިލުވާ އެޅި މައްސަލާގައި ހައްޔަރުކުރި މީހާގެ މައްޗަށް ގަސްދުގައި މީހަކު މަރާލަން އުޅުނު ކަމުގެ ދައުވާ އުފުލައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ މިދިޔަ މަހުގެ އެއް ވަނަ ދުވަހު އަލިފުށީގައި ހިނގައިދިޔަ ހާދިސާއާ ގުޅިގެން ރ. އަލިފުށި ކަސްތޫރިގެ، އަލީ އަމީނުގެ ދައުވާކުރަން ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެމީހާ އަށް ކުރި ދައުވާތަކުގެ ތެރޭގައި ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާ އާއި އަނިޔާއެއް ދިނުމުގެ ދައުވާ އަދި އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ ހިމެނެއެވެ.

މި މައްސަލައާ ގުޅިގެން 32 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

އަދި މި މައްސަލަ ހުށަހެޅުމާއެކު ފުލުހުން ސީން އަށް ގޮސް އަނިޔާ ލިބުނު މީހާ ވަގުތުން އަލިފުށީ ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ހެލްތު ސެންޓަރާއި ހަވާލާދީ ފުލުހުން ބުނެއެވެ.

"ހަތާވީސް އޮންލައިން" އަށް އެނގިފައިވާ ގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހަކީ އަނިޔާ ލިބުނު އަންހެން މީހާގެ ކުރީގެ ފިރިމީހާއެވެ.

Leave a Reply

Your email address will not be published. Required fields are marked *