ސިޔާސީ މައިދާނުގައި މަސައްކަތް ކުރަން ދަތިވަނީ "ޔެސް ބޮސް" ނުކިޔާތީ: ރޮޒައިނާ

ސިޔާސީ މައިދާނުގައި މަސައްކަތް ކުރުމަށް އެންމެ ދަތިވަނީ "ޔެސް ބޮސް" ކިޔުމަށް ދެކޮޅު ހަދާތީ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ "ޔެސް ބޮސް" ކިޔަން ދަސްވެފައި ނެތުމަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި މަސައްކަތް ކުރުމަށް އޭނާ އަށް ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަން ކަމަށެވެ. ފުރައްސާރަ ކުރިޔަސް، ބުނަންޖެހޭ އެއްޗެއް ސާބިތުކަމާއެކު ބުނާނަން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

އަދި ރައީސް މުހައްމަދު ނަޝީދު ގައުމަށާއި ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަމެއް ކުރައްވާ ނަމަ އެކަމުގައި އެންމެ ކުރީގައި ހުންނަވާނެ ކަމަށާއި ނަމަވެސް އޭނާގެ ޒަމީރު ގަބޫލުނުކުރާ ކަމެއްގެ ފަހަތުގައި ނުހުންނަވާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އެއީ ރައީސް ނަޝީދާ ޒާތީވުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ރޮޒައިނާ މިފަދައިން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ނަޝީދު ކުރެއްވި މެސެޖުތަކެއްގައި ރޮޒައިނާގެ މަޅީގައި އެމްޑީޕީގެ އެއްވެސް މެމްބަރަކު ނުޖެހޭނެ ކަމަށް ވިދާޅުވެފައި ވާތީއެވެ.

"އަޅުގަނޑު ވެސް މިއީ ތިޔަހާ ކުޑަކުއްޖެއް ނޫން. ވަކި ޕަވަރ ބޭސް އާއިި ނެޓްވޯކެއް ނުހެދޭނެ. އެމްޑީޕީ އެއް ކައިރި ނުކުރެވޭނެ" ރޮޒައިނާ އަށް ނިސްބަތްކޮށް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ މަސްލަހަތު މިހާ ބޮޑަށް ގޯސްވެފައި މިވަނީ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މަސައްކަތް ކުރަން ފެށި ހިސާބުންނެވެ. މި މައްސަލާގައި ރޮޒައިނާ އަންނަނީ ފާޅުގައި ޝުއޫރު ފާޅުކުރައްވަމުންނެވެ. އަދި އެންމެ ފުރަތަމަ މިނިސްޓަރު ފައްޔާޒުގެ ދިފާއުގައި ނިކުންނެވި މެންބަރުންގެ ތެރޭގައި އޭނާ ހިމެނެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *