ރައީސް ޔާމީނަށް ކުރާ ހިޔާނާތުގެ ދެ ދައުވާގެ އަޑުއެހުންތައް އާދިއްތަ ދުވަހު

ކުރީގެ ރައީސް އަބްދުﷲ ޔާމީން: ފޮޓޯ / އަވަސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދެވަނަ ދައުވާގެ އަޑުއެހުންތައް އާދީއްތަ ދުވަހަށް ތާވަލުކޮށްފިއެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. މި ދެ ދައުވާގެ ޝަރީއަތް ވެސް ފެށުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު :10:00 ގައެވެ.

ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން މީގެކުރިން ބުނީ ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ރައީސް ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކުރިކީލަހިޔާ، އަޙްމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، 1,117,000 (އެއްމިލިއަން އެއްލައްކަ ސަތާރަހާސް) އެމެރިކާ ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްއާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާ ކުރުމަށްޓަކައި ފަށަލަ ކޮށްފައިވާ މައްސަލާގައި ދަޢުވާކޮށް، އެ މައްސަލަ މިއަދު ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 510ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ރ)ގެ ދަށުން ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 53ވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ ފަސްވަނަ މާއްދާގެ ތިންވަނަ ނަންބަރާއި ހަވާލާދީ އެ ގާނޫނުގެ 53ވަނަ މާއްދާގެ (ށ)ގެ ދަށުން މަނީ ލޯންޑަރިން ކުށުގެ ދައުވާއެވެ.

މިހާރުވެސް ރައީސް ޔާމީން އަންނަނީ މަނީ ލޯންޑަރިންގެ މައްސަލައެއްގައި ފަސް އަހަރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެއީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި އެއީ މަންފާ ހޯދައި އޭސީސީއަށް އެހެން ފައިސާތަކެއް ޖަމާކުރި މައްސަލާގައެވެ.

Leave a Reply

Your email address will not be published. Required fields are marked *