ކޮރަޕްޝަންގެ ތުހުމަތުގައި ޖިނާދާއި މުނައްވަރަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި

ޖިހާދު (ކ) އަދި މުނައްވަރު: ތަހުގީގު ނިންމައި ޕީޖީއަށް މައްސަލަ ފޮނުވާފައިވޭ

ކޮރަޕްޝަންގެ ތުހުމަތުގައި ކުރީގެ ދެ ފިނޭންސް މިނިސްޓަރުން ކަމަށްވާ އަބްދުﷲ ޖިހާދާއި އަޙްމަދު މުނައްވަރުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

ޖިހާދާއި މުނައްވަރުގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ ނައިބު ހުސައިން ޟިރާރުގެ މައްޗަށް ވެސް ދައުވާ ކުރަން ވަނީ ފޮނުވާއެވެ.

އޭސީސީން ބުނީ އެ ތިން މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ޓޫރިސްޓް ރިސޯޓު ތަރައްޤީކުރުމަށް ވެފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުންތަކުގެ ދަށުން ދިވެހި ސަރުކާރުގެ ހިއްސާ އެކުލެވޭގޮތަށް ސޮއިކޮށްފައިވާ ހަތް އެއްބަސްވުމެއްގައި، އެ އެއްބަސްވުމުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރަށުގެ ޑިވެލޮޕްމަންޓް ފޭސް ފުރިހަމަވުމުން، އެއްބަސްވުމުގައި ހިމެނޭ އަމިއްލަ ޙިއްސާދާރަށް، ނުވަތަ އެފަރާތުން ކަނޑައަޅާ ފަރާތަކަށް، ސަރުކާރުގެ ހިއްސާ އެއްވެސް އަގަކާއިނުލާ ދޫކޮށްލަން ލާޒިމްވާގޮތަށް ‘ޕުޓް-ރައިޓް އޮޕްޝަން’ ހިމަނާފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށްފަހު، އެ މީހުންގެ މައްޗަށް ތުހުމަތު ކުރަނީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދަޢުވާ އާއި ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ދަޢުވާ އާއި ދަޢުލަތުގެ މުވައްޒަފަކަށްވެހުރެ ރަސްމީ ހައިސިއްޔަތުން އޭނާގެ ވާޖިބު އަދާކުރުމުގައި އެނގިހުރެ، ޤާނޫނުގައި ހުއްދަކޮށްފައި ނުވާކަމެއް ކޮށްފައިވާކަމުގެ ދަޢުވާ އާއި، ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ.

އޭސީސީން އެ ދައުވާތައް ކުރުމަށް ނިންމީ ރިސޯޓު ތަރައްގީ ކުރުމަށް ދޫކުރި ބ.ތިލަދޫ، ށ.ހުރަސްފަރު، ށ.ނާއިންފަރު، ރ.ފަސްމެންދޫ، ކ.އެނބޫދޫ ފިނޮޅު، ކ.ކޮއްދިއްޕަރުފަޅު (ދިއްދޫފިނޮޅު) އަދި ކ.ކޮއްދިއްޕަރުފަޅު (އަމީންގިރި) އަމިއްލަ ފަރާތްތަކަށް ދޫކުރުމަށް ވެފައިވާ އެއްބަސްވުންތައް ތަހުގީގުކުރުމަށްފަހުގައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *