ޕާޓީ ތެރޭ "ބްރޯ" ހެދިގެން ނޫޅެވޭނެ: ނަޝީދު

މީގެކުރިން ބޭއްވި ހަފްލާއެއްގައި ރައީސް ނަޝީދު (ކ) އަދި މިނިސްޓަރު ފައްޔާޒު (މ) އަދި ފިނޭންސް މިނިސްޓަރު އަމީރު --

އެމްޑީޕީ ތެރޭގައި "ބްރޯ" ހެދިގެން އުޅެގެން ނުވާނެ ކަމަށް ވިދާޅުވެ ރައީސް މުހައްމަދު ނަޝީދު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް އިންޒާރެއް ދެއްވައިފިއެވެ.

ނަޝީދު ފައްޔާޒަށް އިންޒާރު ދެއްވާފައި މިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައެވެ. އެ ގްރޫޕުގައި ދެކެވުނު ބައެއް ވާހަކަތައް ސޯޝަލް މީޑިއާގައި ލީކުވެފައިވާއިރު ބައެއް ޗެޓް ލޮގުތައް "ހަތާވީސް އޮންލައިން" އަށް ވަނީ ލިބިގެން ގޮސްފައެވެ.

ނަޝީދު ފައްޔާޒަށް އިންޒާރު ދެއްވިއިރު އެމަނިކުފާނު އިސްކޮށް ހުންނަވައިގެން ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން މަސައްކަތް ކުރައްވާ ކަމަށް ވަނީ އަޑުތައް ފެތުރިގެން ގޮސްފައެވެ. ނަމަވެސް މިހާތަނަށް ރަސްމީކޮށް އެމަނިކުފާނު އެފަދަ މަސައްކަތެއް ކުރައްވާކަން ހާމަވެފައެއް ނުވެއެވެ. އެކަން ހާމަވެގެން ކުރިން ދިޔައީ މެންބަރުންގެ ތުންތުން މަތިންނެވެ.

ނަމަވެސް މިރޭ ގައުމީ މަޖިލިސް ވަޓްސް އަޕް ގްރޫޕުގައި ރައީސް ނަޝީދު ވަނީ އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. ނަޝީދު ވަނީ އެ މައްސަލާގައި މިހާތަނަށް ސޮއި ކުރައްވާފައިވާ މަޖިލިސް މެންބަރުންނާ ދިމާ ނުކުރުމަށް އެދިވަޑައިގެންފައެވެ. މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތް ކަމަށް 30 މެންބަރުން ސޮއި ކުރައްވާ ވިދާޅުވުމުން ޕާޓީގެ މެންބަރުންނާއި ދިމާ ނުކުރުމަށް ނަޝީދު އެދިވަޑައިގެންނެވި.

ހާއްސަކޮށް އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު، މެދު ހެންވޭރު ދާއިރާ މެމްބަރު އަލީ އާޒިމް އާއި ޕީޖީގެ ނައިބު ހެންވޭރު ދެކުނު ދާއިރާ މެމްބަރު ހުސައިން ޝަމީމް (އަނދުން ހުސައިން)އާ ނުބެހުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މިނިސްޓަރު ފައްޔާޒަށް އިޝާރާތް ކުރައްވާ ނަޝީދު ވިދާޅުވީ "ފަޔާ ވެސް މި ޕާޓީތެރޭގައި ބްރޯ ވެގެން އުޅެގެން ނުވާނެ." ކަމަށެވެ. އަދި ނިޒާމުތެރޭގައި އުޅުއްވުމަށް ރައީސް ނަޝީދު ވަނީ އެދިލައްވާފައެވެ.

ނަޝީދު އެފަދައިން ވިދާޅުވުމުން ފައްޔާޒު ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ ޕާޓީގެ ގައުމީ މަޖިލިސް ތެރޭގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ކަންކަން ނުގެންދިއުމަށެވެ. އިތުބާރު ނެތްކަމުގެ މައްސަލަ ތަގުދީރުގައި ލިޔެވިފައިވާ އޮތް ގޮތަަކަށް ނިމިދާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒަށް ނަޝީދުގެ ބޮޑެތި ތުހުމަތުތަކެއް:

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެންމެ އިތުބާރު ކުރައްވާ އެއް މިނިސްޓަރެވެ. ނަމަވެސް ރައީސް ނަޝީދު މިވަނީ ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. ވިދާޅުވީ މީހުންނަށް ނުފޫޒު ފޯރުވައިގެން ކޮންޓްރެކްޓްތައް ދީގެން، ތަރައްގީއަށް ލަސްކަން އައިސްފައިވާ ކަމަށެވެ. އަދި އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލް ކުރުމުގެ ގޮތުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު މެދުވެރިކޮށް އިދިކޮޅު ޕީޕީއެމް މެންބަރުންނަށް ގުޅުއްވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"ފަޔާ އަށް އެނގޭނެ ގަތް ގަނޑު. ދެން ޖެހެންޏާ ޖެހެންވީ،" ނަޝީދު ވިދާޅުވެފައިވެއެވެ. ނަޝީދު ކުރެއްވި ހުރިހާ ތުހުމަތުތަކެއް މިނިސްޓަރު ފައްޔާޒު ދޮގު ކުރެއްވިއެވެ. ވިދާޅުވީ ނަޝީދު ދައްކަވާ ވާހަކަ އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އިއްޔެ "ހަތާވީސް އޮންލައިން" އާ ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން މަސައްކަތް ކުރާ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *