ގަވާއިދާ އެއްގޮތަށް އަމަލުކުރިކަން ދެއްކުމަށް ޓޫރިޒަމް އިން ލިޔެކިޔުން އުފެއްދި ކަމުގެ ތުހުމަތު!

ކޮވިޑް19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ގިނަ ހަރަދުތަކެއް ކުރިއިރު އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަލީ ވަހީދު: ފޮޓޯ / ރައީސް އޮފީސް

ތަކެއްޗާއި ހިދުމަތް ހޯދުމަށްފަހު، ގަވާއިދާ އެއްގޮތަށް އެކަންތައްތައް ކޮށްފައިވާކަން ދެއްކުމަށް ޓޫރިޒަމް މިނިސްޓްރީން ލިޔުންތައް އުފައްދާފައިވާ ކަމަށް ތުހުމަތު ކޮށްފިއެވެ.

ކޮވިޑް19 އާ ގުޅިގެން ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ޓޫރިޒަމް މިނިސްޓްރީ އިން ކޮށްފައިވާ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓު އެއް އޮޑިޓާ ޖެނެރަލް އޮފީހުން ވަނީ އެކުލަވާލައިފައެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ ގަންނަން ބޭނުންވާ ތަކެއްޗަށް އޯޑަރު ކުރުމަށްޓަކައި މުދަލަށް އޯޑަރުކުރާ ފޯމުގެ އަސްލާއި (ތިން) ކޮޕީ ތައްޔާރުކޮށް ޕްރޮކިއުމަންޓް
އޮފިސަރު ނުވަތަ އިސްވެރިޔަކު ސޮއިކޮށް އޯޑަރު ފޯމުގެ އަސްލު، ތަކެތި ވިއްކާ ފަރާތަށް ފޮނުވަންވާނެ ކަމަށެވެ. ސޮއިކުރި (ތިން) ކޮޕީގެ ތެރެއިން އެއް ކޮޕީ، އެ ތަކެތި ގަތުމުގެ މަސައްކަތްކުރާ ފަރާތުގައި ބާއްވަން ވާނެ ކަމަށާއި، އަނެއް ކޮޕީ، މުދާ ގެންނައިރު އައިސްފައި ވަނީ އޯޑަރުކުރި ތަކެތިތޯ ބެލުމަށް ސްޓޮކް ބަލަހައްޓާ ފަރާތަށް ހަވާލު ކުރަން ވާނެ ކަމަށާއި، އަނެއް ކޮޕީ، ހިސާބު ބަލަހައްޓާ ސެކްޝަނުގައި ބާއްވަން ވާނެ ކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، މުދާ ގަތުމަށް އޯޑަރުކުރާ ފޯމު ތައްޔާރު ކުރަން ވާނީ ފުރިހަމަ ކުރެވިފައިވާ މުދާ ގަންނަން އެދޭ ފޯމެއް އޮވެގެން ކަމަށާއި، ގަންނަން އެދިފައިވާ އެއްޗަކީ އެ ތަނަކަށް ހޯދަންޖެހޭ އެއްޗެއް ކަމަށް އެކަމަށް އެދުނު ޑިޕާޓްމަންޓެއްގެ ވެރިއެއްގެ ސޮއި އޮތް ލިއުމެއް އޮންނަން ވާނެ ކަމަށް އެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން ނެރެފައިވާ ރިޕޯޓުގައި ބުނެފައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ޓްރަސްޓް ފަންޑުން ކޮވިޑް19 އާ ގުޅޭގޮތުން ކޮށްފައިވާ ބައެއް ހަރަދުތައް ކުރުމުގައި މުދަލަށް އޯޑަރުކުރާ ފޯމު، އެ މުދަލެއް ގަތުމުގެ ކުރިން ފޮނުވާފައި ނުވާކަމާއި، އެ ފޯމު ތައްޔާރުކޮށްފައި ވަނީ ތަކެތި ލިބި އެ ތަކެއްޗައް
ފައިސާ ދައްކަން ޖެހުމުންކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި ބައެއް ހަރަދުތައް ކުރުމުގައި މުދަލަށް އޯޑަރުކުރާ ފޯމު ތައްޔާރުކުރުމުގެ ކުރިން މުދާ ގަންނަން އެދޭ ފޯމު ތައްޔާރުކޮށްފައި ނުވާކަން ވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ތަކެއްޗާއި ހިދުމަތް ހޯދުމަށްފަހު، ގަވާއިދާ އެއްގޮތަށް އެކަންތައްތައް ކޮށްފައިވާކަން ދެއްކުމަށް ލިޔުންތައް އުފައްދާފައިވާ ކަމަށް ބުނެފައިވެއެވެ.

އެގޮތުން ވިލިވަރު ކަރަންޓީން ފެސިލިޓީއަށް ކުރި ހަރަދާއި މެޑިކަލް އައިޓަމްސް ހޯދުމަށް ކުރި ހަރަދާއި ތާމަލް އިމޭޖިން ބެހެއްޓުމާ ގުޅޭ ގޮތުން ކުރި ހަރަދާއި މެޑިކަލް ރެސްޕޮންސް ޓީމާ ގުޅޭ ހަރަދާއި ރާއްޖޭގައި ތާށިވި ފަތުރުވެރިންނަށް އެހީތެރިވެދިނުމުގެ ގޮތުން ކުރި ހަރަދު ހިމެނޭ ކަމަށް އޮޑިޓް އޮފީހުގެ ރިޕޯޓުގައިވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *