ރައީސް ޔާމީނަށް ޖަލުން ލިބޭ ހިދުމަތްތައް އިތުރު ކުރުމަށް މަޝްވަރާއެއް ނުކުރަން: އިދިކޮޅު

އިދިކޮޅު ކޯލިޝަނުން ހޯމް މިނިސްޓަރާއި އެކުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން: ފޮޓޯ / ހޯމް މިނިސްޓްރީ

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނަށް މާފުށި ޖަލުން ލިބޭ ހިދުމަތްތައް އިތުރު ކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެކުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މަޝްވަރާ ކުރި ކަމަށް ބުނެ ހޯމް މިނިސްޓްރީން ބުނެފައިވާ ވާހަކަ އިދިކޮޅު އެ ކޯލިޝަނުން ދޮގުކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ވަނީ މިނިސްޓަރު އިމްރާނާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާއި ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެ ބައްދަލުވުމަށްފަހު ހޯމް މިނިސްޓްރީން ޓްވީޓެއް ކުރިއެވެ.

އެ ޓްވީޓުގައި ބުނެފައިވަނީ ރައީސް ޔާމީނަށް ޖަލުން ލިބޭ ހިދުމަތްތައް އިތުރުކުރުމާ ގުޅޭގޮތުން ޕީޕީއެމް / ޕީއެންސީ ކޯލިޝަންގެ ފަރާތުން ހޯމް މިނިސްޓަރާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެކަން ކުށްވެރިކޮށް އިދިކޮޅުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައި ވަނީ އެ ޓްވީޓަކީ ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރުމަށް ކޮށްފައިވާ ޓްވީޓެއް ކަމަށެވެ. އެފަދަ ދޮގު ހަބަރުތައް ފަތުރައިގެން ކަމުގެ ހަގީގަތް އޮޅުވާލުމަށް ކުރަމުން ގެންދާ މަސައްކަތް ވަގުތުން ވަގުތަށް ހުއްޓާލުމަށް ހޯމް މިނިސްޓަރަށް ގޮވާލާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އިދިކޮޅުން ބުނީ މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ އެންމެ ފަހުން ހައިކޯޓުގައި ބޭއްވި އިސްތިއުނާފު އަޑުއެހުމުގައި ވެސް ރައީސް ޔާމީނަށް އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ހައިކޯޓުގެ ފަނޑިޔާރުން އަމުރު ކުރެއްވުމުންވެސް އެކަން ހަމަޖެހިގެން ނުދާތީ ކަމަށެވެ.

މީގެއިތުރުން ރައީސް ޔާމީނަށް ލިބިވަޑައިގަންނަވަން ޖެހޭ އެތައް ހައްގުތަކަކުން އެމަނިކުފާނު މަހްރޫމުކޮށް އެމަނިކުފާނަށް ދެމުން ގެންދާ އަނިޔާތައް ހުއްޓާލުމަށް ވެސް އިދިކޮޅު ކޯލިޝަނުން ވަނީ މިނިސްޓަރު ކިބައިން އެދިވަޑައިގެންފައެވެ.

Leave a Reply

Your email address will not be published. Required fields are marked *