އެއް ފަހަރާ ދެ މީހުންނަށް ވެރިކަން ނުކުރެވޭނެ: ރޮޒައިނާ

ގައުމެއްގެ ވެރިކަން އެއް ފަހަރާ ދެ މީހުންނަށް ނުކުރެވޭނެ ކަމަށާއި އެކަން ކުރަން އުޅޭ ކަމަށްވާ ނަމަ ނިކުންނާނީ ހުސް ގޯސް ކަމަށް ރައްޔިތުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ އޭނާއަކީ އެމްޑީޕީ "ފުނޑަން" މަސައްކަތް ކުރާ މީހެއް ނޫން ކަމަށާއި އަދި ޕާޓީ "ފުނޑަން" އޭނާ ކޮށްފައިވާ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އޭނާ ކަހަލަ ނިކަމެއްޗަކަށް ޕާޓީ "ނުފުނޑޭނެ" ކަމަށާއި އެކަން ކުރެވޭނީ ބޮޑުންނަށް ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއްޗެއް ބުނާއިރަށް ޑީއާރްޕީގައި އޭނާ އުޅުނު ވާހަކަތައް ކިޔާނެ ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ހުދު އޭނާވެސް އެމްޑީޕީ ކުރިއެރުވުމަށް މަސައްކަތްތަކެއް ކޮށްފައި ހުންނާނެ ކަމަށާއި ވާރެއާ އަވީގައި އެ މަސައްކަތް އޭނާ ކޮށްފައިވާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އެމްޑީޕީ އަކީ އެޕާޓީގެ ހުރިހާ މެންބަރުންގެ ވެސް ޕާޓީ އެއް ކަމަށާއި ޕާޓީގައި ހިނގާ ކަންކަމަށް ހުރިހާ މެންބަރުންނަށް ވެސް ގޮތް ކިޔޭނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ބައެއް މީހުންނަށް އެމްޑީޕީ އަކީ ވަކި މީހެއް ނުވަތަ ވަކި އާއިލާއެއްގެ އެއްޗެއް ގޮތަށް ސިފަވާ ކަމަށާއި ނަމަވެސް ސިޔާސީ ޕާޓީއެއް އެގޮތަށް އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައި ނޯންނާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އެޕާޓީގެ ކޮންމެ މެންބަރަކަށްވެސް ހައްގުތަކެއް ލިބިގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ. ބަޔަކު ކިތަންމެ ރުޅި އައި ނަމަވެސް އެ ހައްގުތަކުގެ ބޭނުން ކުރާނަން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުން އެމްޑީޕީގެ ލީޑަރު ވަރަށް ސާފު ކަމަށާއި އެމްޑީޕީގެ ޕީޖީ ގަވާއިދުން ޕީޖީ ލީޑަރު އަމަލުކުރަންވީ ގޮތް ވަރަށް ސާފު ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"ޕާޓީގެ ނިންމުންތައް ނިންމަންޖެހޭ ގޮތް ލިޔެފައި އޮވޭ. އަޅުގަނޑެއް މަސައްކަތެއް ނުކުރާނަން ރައްޔިތުންނަށް ގެއްލުންވާ ގޮތަކަށް. އަދި މީހަކު ބުނާހާ ގޮތަކަށްވެސް. ބަޔަކަށް އެހެން ބަލައި ނުގަނެވުނަސް ހެޔޮ،" ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ މިފަދައިން ވިދާޅުވިއިރު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އަންނަނީ ކުރައްވަމުންނެވެ. ރޮޒައިނާ ވަނީ ފާޅުގައި އެކަމަށް ދެކޮޅު ހައްދަވާފައެވެ. އަދި އޭނާ ހުންނެވީ މިނިސްޓަރު ފައްޔާޒާ އެކުގައި ކަމަށް ވިދާޅުވެ އޭނާ ވަނީ ވާހަކަދައްކަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *