ޓޫރިޒަމް މިނިސްޓްރީން ކޮވިޑަށް 26 މިލިއަން ހަރަދުކުރި، ގިނައީ މެންޑޭޓާ ގުޅުންނެތް ކަންކަން: އޮޑިޓް

ކޮވިޑް19 އާއި ގުޅިގެން ވިލިވަރުގައި ގާއިމްކޮށްފައިވާ ފެސިލިޓީ --

ކޮވިޑް19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން 26 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށާއި ނަމަވެސް އެ ހަރަދުތަކުގެ ތެރެއިން ގިނައީ މެންޑޭޓާ ގުޅުން ނެތް ކަންކަން ކަމަށް ކޮވިޑް ހަރަދުތަކާ ގުޅޭ ގޮތުން އެކުލަވާލި، ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފިއެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ކޮވިޑް19 އާ ގުޅުގެން ޓޫރިޒަމް މިނިސްޓްރީގެ ޓްރަސްޓް ފަންޑުން ހަރަދުކޮށްފައިވާ މައިގަނޑު ކަންތައްތަކަކީ، ސީދާ އެ މިނިސްޓްރީގެ މެންޑޭޓާ ގުޅުންހުރި ކަންތައްތައް ނޫން ކަމަށެވެ. އެ ކަންކަން ކުރުމުގެ ޒިންމާއާ ހަވާލުވެފައިވާ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތައް ހުރި
ކަންތައްތައް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އެގޮތުން، ކޮވިޑް19 އާ ގުޅިގެން ޖުމްލަ 26،212،727 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާއިރު އެ ފައިސާގެ ތެރެއިން 99 ޕަސެންޓަކީ ޓޫރިޒަމް މިނިސްޓްރީގެ ތެރެއިން ކޮންމެހެން ކުރަންޖެހޭ ހަރަދުތަކެއް ނޫން ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ.

ޓްރަސްޓު ފަންޑުން ކޮށްފައިވާ ހޭދަތައް --

ފަތުރުވެރިކަމުގެ ސިނާއަތުގެ ޓްރަސްޓް ފަންޑުން ކުރާ ހުރިހާ ހަރަދެއްގެ ހުއްދަ ދޭނީ ފަންޑުގެ ހިންގާ ކޮމިޓީން ކަމަށާއި، ކޮމިޓީން ކަނޑައަޅާ ގޮތަށް ހިންގުމުގެ އަމަލީ މަސައްކަތް ކުރާނީ ކޮމިޓީގެ އިރުޝާދުގެ މަތިން ޓޫރިޒަމާ ބެހޭ މިނިސްޓްރީގެ ފަރާތުން ކަމަށް އެ ޓްރަސްޓުގެ ޓްރަސްޓް ސްޓޭޓްމަންޓުގެ ފަސް ވަނަ މާއްދާގައި ބަޔާންކޮށްފައި ވީނަމަވެސް، އެ ފަންޑުން ކޮވިޑް19 އާ ގުޅޭގޮތުން ހަރަދުކުރި ހުރިހާ ކަންތައްތަކެއް ކޮމިޓީން ފާސްކޮށްފައި ނުވާ ކަމަށްވެސް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ހަރަދުކުރާނެ ބައެއް ކަންތައްތައް ކޮމިޓީގައި މަޝްވަރާކޮށް ފާސްކޮށްފައި ވީނަމަވެސް އޭގެ ތެރެއިން ވަކިވަކި ކަންކަމަށް ޓްރަސްޓް
ފަންޑުން ހަރަދުކުރާނެ އަދަދުތައް ކޮމިޓީން ފާސްކޮށްފައިނުވާކަން ފާހަގަކުރެވޭ ކަމަށެވެ.

"ކޮވިޑް19 އާގުޅިގެން ކުރަން ޖެހިއްޖެ އެންމެހައި ކަންކަން ކުރުން އެންމެ ރަނގަޅު ކަމުގައި" ކޮމިޓީގެ ތިންވަނަ ބައްދަލުވުމުގައި ނިންމާފައިވާކަން ފާހަގަ ކުރަމެވެ. ނަމަވެސް، ޓޫރިޒަމް މިނިސްޓްރީ އަކީ ސިއްހީ މިފަދަ ކާރިސާ މެނޭޖްކުރުމުގެ ސީދާ ޒިންމާ އެޅިފައިވާ މިނިސްޓްރީއަކަށް ނުވުމުގެ އިތުރުން، ޓްރަސްޓް ފަންޑުގައި ހުރި ފައިސާ މިހާ ހުޅުވާލެވިފައިވާ ގޮތަކަށް ޓްރަސްޓް ފަންޑުން ހަރަދުކުރުމަށް ފާސްކުރުމަކީ ޒިންމާދާރު ނިންމުމެއް ކަމުގައި މި އޮފީހުން ނުދެކެމެވެ." އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ކޮމެޓީން ހުއްދަ ދިނުމުގެ ކުރުން ފަންޑުން ހަރަދު ކުރަން ފެށުން: 

އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ޓްރަސްޓް ފަންޑުގެ ހިންގާ ކޮމިޓީން، ކޮވިޑް19 އާ ގުޅިގެން ކޮށްފައިވާ ހަރަދުތައް ކުރުމުގެ ކުރިން
އެފަންޑުން ކޮށްފައިވާ ހަރަދުތަކަށް ބަޖެޓު ކަނޑައަޅައި، ވަކިވަކި ކަންތައްތަކާމެދު މަޝްވަރާކޮށްފައިވީ ނަމަވެސް އެ ފަންޑުން ކޮވިޑް19 އާ ގުޅިގެން ކޮށްފައިވާ މައިގަނޑު ހަރަދުތަކާގުޅޭ މުއާމަލާތްތައް ކޮށްފައި ވަނީ ޓްރަސްޓް ފަންޑުން އެކަމަށް ވަކި އަދަދެއް ކަނޑައެޅުމުގެ ކުރިން ކަމަށެވެ.

ޓްރަސްޓް ފަންޑުން ކޮވިޑް19 ގެ ހަރަދާ ގުޅޭ ބަޖެޓެއް ފާސްކުރުމަށް ފަންޑު ކޮމިޓީގެ ވަކި ބައްދަލުވުމެއް ބާއްވާފައިނުވި ނަމަވެސް، ކޮވިޑް19 އާ ގުޅިގެން ދެ މިލިއަން ޑޮލަރު (ތިރީސް މިލިއަން އަށް ސަތޭކަ ސާޅީސް ހާސް ރުފިޔާ) އެ ފަންޑުން ހަރަދު ކުރުމަށް ފާސްކުރުމާމެދު މިނިސްޓްރީގެ ފަރާތުން ކޮމިޓީގެ މެމްބަރުންގެ ލަފައަކަށް އެދި، މިދިޔަ މެއި މަހުގެ ދެވަނަ ދުވަހު އެ ފަރާތްތަކަށް އީމެއިލް އެއް ފޮނުވާފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ.

އަދި އެ އީމެއިލްގައި އެދިފައިވާގޮތަށް ފަންޑުން ދެ މިލިއަން ޑޮލަރު ހަރަދުކުރުން އެންމެ ރަނގަޅުކަމަށް ކޮމިޓީގައި ހިމެނޭ ފަސް މެމްބަރުންގެ ތެރެއިން ތިން މެންބަރުން މެއި މަހުގެ 9ވަނަ ދުވަހު މެއި 2020 ވަނަ ދުވަހު ޖަވާބުދީފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ ކޮމެޓީން ހުއްދަ ދިނުމުގެ ކުރިން އެ ފަންޑުން ހަރަދުކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން މެއި މަހުގެ 8ވަނަ ދުވަހުގެ ނިޔަލަށް 14 މިލިއަން ރުފިޔާއަށްވުރެ ގިނައިން ޕާޗޭސް އޯޑަރު ތައްޔާރު ކޮށްފައިވާ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީގެ ރިކޯޑުތަކުން ދައްކާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ.

Leave a Reply

Your email address will not be published.