މާލެ - ތިލަފުށި ބްރިޖު: އިންޑިއާއިން 500 މިލިއަން ޑޮލަރުގެ އެހީ އެއް ދެނީ

މާލެ އަދި ތިލަފުށި ސަރަހައްދު ---

މާލެއާއި ތިލަފުށި ބްރިޖަކުން ގުޅުވާލަން ކުރިއަށްގެންދާ މަޝްރޫއު އަށް އަވަށްޓެރި އިންޑިއާ އިން 500 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރު ފޯނުން މިއަދު ދެއްކެވި ވާހަކަފުޅައްފަހުގައެވެ.

6.695 ކިލޯ މީޓަރުގެ ބްރިޖްތަކާ ކޯޒްވޭގެ މައްޗަށް އެކުލެވޭ މި މަޝްރޫޢު ވެގެން ދާނީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫއަށް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެގޮތުން މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ ތިން ބްރިޖް އެ މަޝްރޫއުގެ ތެރެއިން ހެދުމަށް ހަމަޖެހިފައިވާ ކަމަށާއި "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިގިނލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމުން ރާއްޖޭގެ އިގްތިސޯދަށް އޭގެ ގިނަ ފައިދާތަކެއް ލިބި، ވިޔަފާރިތަކަށާއި އާއްމު ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ބްރިޖްގެ މަޝްރޫއަށް އިންޑިއާ ސަރުކާރުން ދޭ 500 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖްގައި ލޯން އަދި ހިލޭ އެހީގެ ކޮމްޕޯނަންޓް ހިމެނޭނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މިދިޔަ އަހަރު ތެރޭ ސަރުކާރުން ބޭއްވި ޕާޓްނާޝިޕް ފޯރަމަށް ހުށަހެޅި ތަފްސީލްތަކުގައިވާ ގޮތުގައި ބުރިޖް މަޝްރޫއަށް 488 މިލިއަން ޑޮލަރު (7.6 ބިލިއަން ރުފިޔާ) ހަރަދުވާނެއެވެ.

މާލެ އާއި ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ބުރިޖުން ގުޅާލުމުން ދަތުރުފަތުރު ފަސޭހަވެ، އިގްތިސާދީ ގޮތުން ފައިދާ ކުރާނެ ކަމަށާއި މިހާރު މާލޭގައި ހުރި ގުދަންތައް، އިންޑަސްޓްރިއަލް ސަރަހައްދަށް ބަދަލުކޮށް، މުދާ އުފުލުމުގައިވެސް ފަސޭހަތައް ލިބޭނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *