ބަޖެޓު ސަޕޯޓުގެ ގޮތުގައި 250 މިލިއަން ޑޮލަރު އިންޑިއާއިން ރާއްޖެއަށް ދެނީ

ރައީސް ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ --

ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ލިބިފައިވާ ހީނަރުކަމުން އަރައިގަތުމަށް ބަޖެޓު ސަޕޯޓުގެ ގޮތުގައި އަވަށްޓެރި އިންޑިއާ އިން ރާއްޖެއަށް 250 މިލިއަން ޑޮލަރު ދޭން ނިންމައިފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރާ އެކު ބޭއްވި ޑިޖިޓަލް ވީޑިއޯ ކޮންފަރެންސް ބައްދަލުވުމުގައި މި ކޮވިޑް19 ގެ ސަބަބުން ޓޫރިޒަމް ސިނާއަތައް ކޮށްފައިވާ ގެއްލުން ތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ އަދި ބަޖެޓުގެ ދަތިތަކާއި މެދު ދެ މިނިސްޓަރުން ވާހަކަދެއްކެވިއެވެ.

އެގޮތުން ލިކުއިޑިޓީ އާއި ބަޖެޓް ސަޕޯޓެގެ ގޮތުގައި އާއި އެކްސްޗޭންޖް ރޭޓަށް އަންނަ ފްލަކްޗުއޭޝަން ކޮންޓްރޯލް ކުރުމަށް ދެވޭ އެހީއެއްގެ ގޮތުން އިންޑީއާގެ ފަރާތުން 250 މިލިއަން ޑޮލަރުގެ މާލީ އެހީގެ ޕެކޭޖެއް ރާއްޖެއަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ހާމަކުރެއްވިއެވެ.

މި އެހީގެ ޕެކޭޖް ފޯރުކޮށްދެވޭނީ ރާއްޖެއަށް އެންމެ ފައިދާ ކުރުވަނިވި ހަމަތަކުގެ މަތިން ކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ.

ކޮވިޑް19 އާ ގުޅިގެން އިންޑިއާއިން ވަނީ އެކި ގޮތްގޮތުން ރާއްޖެއަށް މިއަހަރު އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ޗައިނާގެ ވޫހާން ސިޓީގައި ތިބި 9 ދިވެހިން ރާއްޖެ ގެނެސްދިނުމާއި، އިންޑިއާގެ އެކި ހިސާބުތަކުގައި ތިބި ހާހެއްހާ ދިވެހިން ރާއްޖެ ގެނެސްދިނުމަށް އެހީތެރިވުމުގެ އިތުރުން ރާއްޖެއަށް ބޭނުންވާ ބޭހާއި ކާބޯތަކެތި ހުއްޓުމެއް ނެތި ރާއްޖެއަށް ލިބޭނެ މަގު ފަހިކޮށްދިނުމާއި، ގިނަ އަދަދެއްގެ ބޭހާއި ކާބޯތަކެތި ހިލޭ އެހީގެ ގޮތުގައި ފޯރުކޮށްދިނުން ހިމެނެއެވެ.

އަދި އިންޑިއާގެ މެޑިކަލް ޓީމަކުން ރާއްޖެއަށް އައިސް، ކޮވިޑް19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށް ދީފައިވެއެވެ.
އަދި މިހާރުވެސް އިންޑިއާގެ ބޯޑަރުތައް ބަންދުކޮށްފައިވުމާއެކު، ރާއްޖެއިން ލިބެން ނެތް ފަރުވާ ބޭނުންވާ ކްރިޓިކަލް ޕޭޝަންޓުންނަށް އިންޑިއާއަށް ދަތުރުކުރުމުގެ މަގު އިންޑިއާއިން ފަހިކޮށްދީފައިވާތީ، ގިނަ އަދަދެއްގެ ދިވެހިން ދަނީ އިންޑިއާގައި ފަރުވާ ހޯދަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *