ވޭސްޓް ޓްރީޓްމަންޓް ފެސިލިޓީއެއް ގާއިމުކުރަން އޭޑީބީން 73 މިލިއަން ޑޮލަރު ދީފި

ތިލަފުށީގައި ކުނި ނައްތާލުމުގެ މަސައްކަތް ކުރަނީ: ފޮޓޯ / މިހާރު

މާލެ ސަރަޙައްދުގައި ކުނިން ހަކަތަ އުފައްދާ ވޭސްޓް ޓްރީޓްމަންޓް ފެސިލިޓީއެއް ގާއިމު ކުރުމުގެ މަސައްކަތަށް 73 މިލިއަން ޑޮލަރުގެ ލޯނުގެ އެހީގެ ޕެކޭޖެއް ދިނުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް(އޭޑީބީ)އިން ނިންމައިފިއެވެ.

މި މަޝްރޫއުގެ ދަށުން ގާއިމުކުރެވޭ ކުނިން ހަކަތަ އުފައްދާ ޕްލާންޓުން ދުވާލެއްގެ މައްޗަށް 500 މެޓްރިކް ޓަނުގެ ކުނި ޕްރޮސެސްކޮށް އެކުނިން ހަކަތަ އުފައްދާނެ ކަމަށް އޭޑީބީން ބުނެއެވެ. އަދި މި ޕްލާންޓް މެދުވެރިކޮށް 8 މެގަވޮޓްގެ ކަރަންޓް އުފައްދާނެ ކަމަށާއި މިޕްލާންޓްގެ ސަބަބުން ކުނި މެނޭޖްކުރުމަށް ބޭނުންވާ ޖާގަ ކުޑަވެ އިޔާދަކުރަނިނި ހަކަތަ އުފެއްދުމަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މިމަޝްރޫޢު އޭޑީބީން ހިންގަން ނިންމާފައިވަނީ އަމިއްލަ ފަރާތްތަކާ ހަވާލުކޮށްގެންނެވެ. އެގޮތުން އެފަރާތުން 15 އަހަރުދުވަހުގެ މުއްދަތަކަށް ޕްލާންޓްގެ މަސައްކަތް ބަލަހައްޓާނެއެވެ.

މިމަޝްރޫޢުގެ ދަށުން އެންވަޔަރަމަންޓް މިނިސްޓްރީއާއި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީގެ މަސައްކަތްތައް ވެސް ހަރުދަނާ ކުރުމަށް އެހީވާނެ ކަމަށް އޭޑީބީން ހާމަކުރެއެވެ. އެގޮތުން އީޕީއޭ އާއި އެންވަޔަރަމެންޓް މިނިސްޓްރީގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް 500،000 ޑޮލަރުގެ ހިލޭ އެހީއެއް ދިނުމަށް ވަނީ ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *