ރައީސްގެ ކެބިނެޓަށް ފުރިހަމަ އިތުބާރު އެބައޮތް: ޖޭޕީ

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ރައީސް ސޯލިހާ ސަލާމް ކުރައްވަނީ: ފޮޓޯ / ރައީސް އޮފީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެބިނެޓަށް ސަރުކާރު ކޯލިޝަން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް އެޕާޓީ އިން ބުނެފިއެވެ.

އެޕާޓީ އިން މިފަދައިން ބުނެފައި މިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ އިސް މެންބަރުންތަކެއް ތިއްބަވައިގެން ވެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. އެނގިފައިވާ ގޮތުގައި އެ މަސައްކަތުގައި އެންމެ އިސްކޮށް ހުންނެވީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.

ޖޭޕީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ސޯލިހް ވިދާޅުވީ އެޕާޓީން އަބަދުވެސް މަސައްކަތް ކުރާނީ ރައީސް ސޯލިހުގެ ވެރިކަން ދަމަހައްޓަން ކަމަށެވެ. އަދި ގައުމާ ރައްޔިތުންގެ ހައްގުގައި ރައީސް ކުރައްވާ މަސައްކަތަށް ފުރިހަމަ އިތުބާރު ޖޭޕީގެ އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މިހާތަނަށް އެޕާޓީގެ އެއްވެސް ލެވަލްއެއްގައި މަޝްވަރާ ކޮށްފައި ނުވާ ކަމަށާއި ނަމަވެސް ރައީސް ސޯލިހުގެ ކެބިނެޓަށް ޖޭޕީގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.

ނަން ހާމަކުރަން ބޭނުން ނުވާ ރައްޔިތުން މަޖިލީހުގެ އެމްޑީޕީ މެންބަރަކު މިއަދު "ހަތާވީސް އޮންލައިން" އަށް ވިދާޅުވީ ރައީސް ނަޝީދާ އެކު އެ މައްސަލާގައި ދެން އިސްކޮށް އުޅުއްވަނީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކަމަށެވެ. އޭނާ ވިދާޅުވީ މިހާތަނަށް 20 މެންބަރަކު ސޮއި ކޮށްފައިވާ ކަމަށެވެ.

"މި މަސައްކަތް މި ދެ ބޭފުޅުން [އަލީ އާޒިމްއާ ރައީސް ނަޝީދު] ލޮބީ ކޮށްގެން ފެށީ. ދެ ހަފްތާއެއްވަރު ވެއްޖެ މި މަސައްކަތުގައި އުޅޭތާ،" މެންބަރު ވިދާޅުވިއެވެ.

ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން ބޭނުންވަނީ 10 މެމްބަރެއްގެ ސޮއިއެވެ. ވަޒީރެއްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރަން ބޭނުންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަގުލަބިއްޔަތެވެ. އެއީ 43 މެމްބަރުންނެވެ.

.

Leave a Reply

Your email address will not be published. Required fields are marked *