ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދޭ މީހުންގެ އަދަދު 150އަށް

ކޮވިޑް19 އަށް ތައްޔާރުވުމުގެ ގޮތުން މީގެކުރިން ބޭއްވި ޑްރިލްއެއްގެ ތެރެއިން: ފޮޓޯ / މިހާރު

ރާއްޖެއިން ކޮވިޑް19 ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދޭ މީހުންގެ އަދަދު އަނެއްކާވެސް މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި މިއަދު ބުނީ މިއަދު ރާއްޖެއިން 143 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިންވެސް އެންމެ ގިނައީ ދިވެހިންނެވެ.

އެގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 87 މީހުންނަކީ ދިވެހިންނެވެ. ދެން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް 40 މީހުންނާއި އިންޑިއާ 10 މީހަކާއި ނޭޕާލް ތިން މީހުންނާއި ލަންކާ ދެ މީހުންނާއި މިސްރު މީހެއް ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއި އެކު މިހާރު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 5،366 އަށް ވަނީ އަރާފައެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 140 މީހުން ޕޮޒިޓިވްވެފައި ވަނީ މާލެ ސަރަހައްދުންނެވެ. ބާކީ ތިބި ތިން މީހުން ޕޮޒިޓިވްވެފައި ވަނީ ރަށްތަކުންނެވެ.

އެޗްޕީއޭ އިން ބުނީ މި ބަލި ޖެހިގެން 2،461 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. އޭގެތެރެއިން 150 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިބަލީގައި މިހާތަނަށް 21 މީހަކު ވަނީ މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *