ދައުލަތުން އުޅެނީ ރާވައިގެން ރައީސް ޔާމީނަށް ގެއްލުން ދޭން: ވަކީލުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަޕޯޓަރުންނަށް ހަނާ އަޅުއްވަނީ: ފޮޓޯ / ހަތާވީސް

ދައުލަތުން މިއަދު މަސައްކަތް ކުރަމުން ގެންދަނީ ރާވައިގެން ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނަށް ރާވައިގެން ގެއްލުން ދިނުމަށް ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ ކުރި ހުކުމްގައި ދައުލަތަށް ދައްކަން އަންގާފައިވާ ފަސް މިލިއަން ޑޮލަރު ދައްކާފައި ނުވާތީ އެ ފައިސާ ހޯދަން ދައުލަތުން މޯލްޑިވްސް އިންލެންޑު ރެވެނިއު އޮތޯރިޓޯ (މީރާ)ގައި ދައުލަތުން މިހާރު ވަނީ އެދިފައެވެ.

މިކަމާއި ގުޅިގެން ބަންޑާރަ ނާއިބުގެ އޮފީހުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމްގައި 6 މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަރު ދައުލަތަށް ދެއްކުމަށް ހުކުމް ކޮށްފައިވާ ކަމަށާއި ނަމަވެސް އެ މުއްދަތުގެތެރޭގައި ރައީސް ޔާމީންގެ ފަރާތުން އެ ފައިސާ ދައްކާފައިނުވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން ރައީސް ޔާމީން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ހޯދުމަށްޓަކައި، އެ މައްސަލައިގެ އެންމެހައި ލިޔެކިޔުންތައް މީރާއަށް އިއްޔެ ފޮނުވާފައިވާ ކަމަށެވެ.

ބަންޑާރަ ނާއިބުގެ އޮފީހުގެ އެ ބަޔާނަށް ރައްދުދީ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ

އާއްމު އުސޫލުން އަމަލުކުރަމުން އަންނަ އުސޫލުތަކާއި ހިލާފަށް އަދި ގާނޫނުއަސާސީގެ 20 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ހަމަހަމަކަމުގެ ހައްގާއި ހިލާފަށް އަދި އަދުލު އިންސާފުގެ ހަމަތަކާ ވެސް ހިލާފަށް ރައީސް ޔާމީނާ މެދު ވަކި ހާއްސަ އިޖުރާއަތެއްގެ ދަށުން ތަފާތު ކުރެވިގެން އަމަލު ކުރެވިގެން ދިއުމަކީ ދައުލަތުން ރާވައިގެން ސީދާ ރައީސް ޔާމީނަށާއި އެމަނިކުފާނުގެ އާއިލާ އަށް ގެއްލުން ދިނުމުގެ ނިޔަތުގައި ހިންގާ ގާނޫނާ ހިލާފު އަދި ލާއިންސާނީ އަމަލެއް ކަމަށެވެ.

ގާނޫނީ ނިޒާމުގެ ބޭނުންކޮށްގެން އެއްވެސް ފަރާތަކަށް ގެއްލުމެއް ދިނުމަށް ނުވަތަ ޒާތީވުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ލިބިގެން ނުވާއިރު ދައުލަތުގެ ބަންޑާރަނައިބުގެ އެ އަމަލަކީ، ގާނޫނީ ގޮތުން އެއްވެސް ބުރަދަނެއް ނެތް ސިޔާސީ ގޮތުން ބިރުދެއްކުމުގެ ގޮތުން ޖިނާއީ ޢަމަލެއް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް، ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއްކަމުގައި ގާނޫނުއަސާސީގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައި ވީހިނދު، އެއާއި ހިލާފަށް އަދި، ޖިނާއީ މައްސަލަތަކުގައި ބަންޑާރަނާއިބުގެ ދައުރު އޮންނަ މިންވަރާއި މެދު ގާނޫނު އަސާސީގެ 133 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިންތަކާއި މިންތަކުގެ ބޭރުން ބަންޑާރަނާއިބު އަމަލުކުރައްވަމުން ގެންދިއުމަކީ ގާނޫނުއަސާސީ އާއި ގާނޫނުގެ ބާރު ނެގެހެއްޓުމުގައި މިއަދުގެ ސަރުކާރު ފެއިލްވެފައިވާ މިންވަރު ދައްކުވައިދޭ ރަމްޒެއް ކަމަށް ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *