ރޮޒައިނާ އާއި އަލީ ނިޔާޒު ވިދާޅުވަނީ ފައްޔާޒަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް!

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އަދި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު --

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ކުރަމުން އަންނައިރު މިނިސްޓަރު ފައްޔާޒުގެ ދިފާއުގައި އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ފައްޔާޒުގެ ދިފާއުގައި ތެދުވެއްޖެއެވެ.

އެގޮތުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފައްޔާޒަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހުންނެވި އެންމެ ހީވާގީ އެއް ވަޒީރު ކަމަށެވެ. އަދި އޭނާގެ ފުރިހަމަ ތާއީދު މިނިސްޓަރު ފައްޔާޒަށް އެބައޮތް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާގެ އިތުރުން އޭނާގެ ފިރިކަލުން އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވެސް ވަނީ އޭނާއަށް މިނިސްޓަރު ފައްޔާޒަށް އިތުބާރު އެބައޮތް ކަމަށް ވިދާޅުވެ ޓްވީޓު ކުރައްވާފައެވެ.

ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އެމަނިކުފާނަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.

ނަން ހާމަކުރަން ބޭނުން ނުވާ ރައްޔިތުން މަޖިލީހުގެ އެމްޑީޕީ މެންބަރަކު މިއަދު "ހަތާވީސް އޮންލައިން" އަށް ވިދާޅުވީ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގައި އިސްކޮށް އުޅުއްވަނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ކަމަށެވެ.

އެކަމާއި ގުޅިގެން ފައްޔާޒު ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން މަސައްކަތް ކުރާ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *