ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން މަގާމުން ވަކިކުރަން ނިންމައިފި

ޝުޖާއު އުސްމާން: ފޮޓޯ / މިހާރު

ހައިކޯޓޫގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން މަގާމުން ވަކި ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފިއެވެ.

ޝުޖާއު އުސްމާން ވަކިކުރަން ނިންމީ މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައެވެ. ޖޭއެސްސީން ޝުޖާއު އުސްމާނާއި ގުޅޭ ގޮތުން ބަލަމުން ދިޔަ މައްސަލަތަކަށް ޖަވާބުދާރީވުމުގެ ފުރުސަތު އިއްޔެ ވަނީ ހަމަވެފައެވެ.

ޝުޖާއު އުސްމާނާއި ގުޅޭ ގޮތުން ޖޭއެސްސީން ތަހުގީގު ކުރަމުން ދިޔަ ފުރަތަމަ މައްސަލަ އަކީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ގއ. ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއްކޮށް ރިޔާސީ ކެންޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތް ކުރި މައްސަލައެކެވެ.

ދެވަނަ މައްސަލައަކަށް ބަލަމުން ދަނީ ކްރިމިނަލް ކޯޓުގެ އަމުރަކުން ބަންދުކޮށްފައި ހުރި މީހެއްގެ އާއިލާއާ ބައްދަލުކޮށް، އެމީހުންގެ ވޯޓު ލިބިއްޖެނަމަ، ބަންދުގައި ހުރި މީހާ މިނިވަންކުރާނެ ކަމުގެ މަޝްވަރާކޮށްފައިވާކަމުގެ މައްސަލައެއް ކަމަށް ޖޭއެސްސީން ބުންޏެވެ. މި މައްސަލަ ބަލަން ފެށުމުން ދެ މަސް ދުވަހަށް ޝުޖާއު އުސްމާން ވަނީ ސަސްޕެންޑު ކޮށްފައެވެ.

ޖޭއެސްސީން އަންނަނީ ފަނޑިޔާރުންނާއި ގުޅޭ ސުލޫކީ މައްސަލަތައް ބަލާ އެ ފަނޑިޔާރުންނަށް ފިޔަވަޅު އަޅަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *