ނުހައްގު މުއްސަނދިކަން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހަޅަނީ

19ވަނަ ރައްޔިތުން މަޖިލީހުގެ މެންބަރުން ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ / މަޖިލިސް

ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާއި ކޮރަޕްޝަންގެ އިތުރު ކުށްތައް ހިމެނުމަށްޓަކައި ދިވެހިރާއްޖޭގެ ގާނޫނުލްއުގާބާތު އަށް އިސްލާހު ގެނައުމުގެ ބިލެއް ރައީސް އޮފީހަށް ފޮނުވައިފިއެވެ.

ސަރުކާރުން މިފަދަ ބިލެއް ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގުން އިތުރުވެ، އެފަދަ އަމަލުތައް ހިންގަމުންދާ ގޮތް ބަދަލުވެ، ޒަމާނީވަމުންދާ ދަނޑިވަޅެއްގައި، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި ކޮރަޕްޝަންގެ ގޮތުގައި ކަނޑައަޅާފައިވާ ކުށްކުށަކީ ޒަމާނާ ނުބައްދަލު ކުށްތަކެއް ކަމުގައިވާތީ، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ ކޮރަޕްޝަނާގުޅޭ މުއާހަދާއަށްވެސް ރިއާޔަތްކުރުމާއެކު، ކޮރަޕްޝަންގެ ކުށްތައް ޒަމާނަށް ފެތޭގޮތަށް ބަދަލުކޮށް، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގައި އެ ކުށްތައް ހިމެނުމަށްޓަކައި އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން ކަމަށް ބަންޑާރަ ނާއިބު އޮފީހުން ބުންޏެވެ.

އެގޮތުން، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އަލަށް އިތުރުކުރުމަށް ހުށަހަޅާ ކުށްތަކަކީ، ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާއި، ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށާއި، ނުފޫޒުން ވިޔަފާރިކުރުމުގެ ކުށާއި، ބޭރު ދައުލަތެއްގެ ނުވަތަ ބައިނަލްއަގުވާމީ ޖަމްއިއްޔާއެއްގެ މުވައްޒަފަކަށް ރިޝްވަތު ދިނުމުގެ ކުށެވެ. އޭގެ އިތުރުން، ރިޝްވަތު ދިނުމާއި ހިފުމުގެ ކުށުގެ ގޮތުގައި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގައި މިހާރު އެކުލެވޭ ކުށް އިސްލާހު ކުރުމަށްވެސް ހުށަހަޅާފައިވާނެ ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ބުންޏެވެ.

ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް

މިއީ، ދައުލަތުގެ މުވައްޒަފުންނަށް ލިބެމުންދާ ހުއްދަ އާމްދަނީގެ ވަސީލަތްތަކާއި އެ ވަސީލަތްތަކުން އުފައްދައިދޭ އާމްދަނީގެ މިންވަރާ އަޅާބަލާއިރު، އެމީހުންނަށް ނުހޯދޭނެ ނުވަތަ ހޯދުން އެކަށީގެންނުވާ ނުވަތަ ހޯދުނު ގޮތް ބަޔާންކޮށްނުދެވޭ މުދަލާއި ފައިސާ ހޯދައި ލިބިގަތުން ހުއްޓުވުމަށްޓަކައި، ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، ދައުލަތުގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކުން އެކުށް ކުރާ ޙާލަތުގައި ލިބޭ އަދަބުގެ ދަރަޖަ މަތިކުރުމަށްޓަކައި ހުށަހަޅާފައިވާ އިސްލާހެކެވެ.

މިއީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު އިސްލާހެއް ކަމަށް ބަންޑާރަ ނާއިބު އޮފީހުން ބުންޏެވެ. ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގައި ހިމެނުމަށްޓަކައި، 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައިވެސް ސަރުކާރުގެ ފަރާތުން 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅިއެވެ. އެހެންނަމަވެސް، އެ ބިލުގެ މަސައްކަތް ފުރިހަމަނުކުރެވި ވަނިކޮށް، އެ މަޖިލީހުގެ އުމުރު ހަމަވުމާއެކު، އެ ބިލުގެ މަސައްކަތް ނިމުމަކަށް އައީއެވެ. އޭގެ ފަހުން، 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހެޅުމަށްޓަކައި ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި، ކޮރަޕްޝަންގެ އެހެން ކުށްތައްވެސް ހިމެނޭގޮތުން އެ ބިލު އަލުން އެކުލަވާލުމަށް ނިންމީ ކަމަށް އެ އޮފީހުން ބުންޏެވެ.

ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށް

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިތުރުކުރުމަށް ހުށަހަޅާ ދެވަނަ ކުށަކީ، ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށެވެ. ދިވެހިރާއްޖޭގެ ގާނޫނުއުލްއުގޫބާތުގައި ހިޔާނާތުގެ ކުށެއް މިހާރުވެސް ހިމެނުނު ކަމުގައިވީ ނަމަވެސް، އެ ކުށް ގާނޫނުލްއުގޫބާތުގައި ހިމެނެނީ ދައުލަތުގެ މުވައްޒަފަކު ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ވަކި ކުށެއްގެ ގޮތުގައި ނޫން ކަމަށްވާތީ، ދައުލަތުގެ މުވައްޒަފުން ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމާއި، ދައުލަތުގެ މުދަލާއި ފައިސާގެ ނަހަމަ ބޭނުންކުރުމާއި ދައުލަތުގެ ފައިސާ، ދައުލަތުގެ މުވައްޒަފެއްގެ އަމިއްލަ ފައިދާއަށް ނުވަތަ އެހެން މީހެއްގެ ފައިދާއަށް، ފައިސާއިން އަގުކުރެވޭ އެހެން އެއްޗަކަށް ބަދަލުކޮށް، އޭގެ އަސްލު ބަދަލުކުރުން ހިމެނޭގޮތުން، ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ވަކި ކުށެއް އިތުރުކުރުމަށް ހުށަހަޅާފައިވާނެ ކަމަށް ބަންޑާރަ ނާއިބު އޮފީހުން ބުންޏެވެ.

ނުފޫޒުން ވިޔަފާރިކުރުމުގެ ކުށް

ނުފޫޒުން ވިޔަފާރިކުރުމުގެ ކުށަކީ، ދައުލަތުގެ މުވައްޒަފެއްގެ މަގާމުގެ ނުފޫޒުގެ ބޭނުންކޮށްގެން، އޭނާއަށް ނުވަތަ އެހެން ފަރާތަކަށް، ދައުލަތުގެ އެ މުވައްޒަފު މަސައްކަތްކުރާ އިދާރާއިން ނުވަތަ ދައުލަތުގެ އެހެން އިދާރާއަކުން ވަޒީފާއެއް ނުވަތަ މަސައްކަތެއް ނުވަތަ ފައިދާއެއް ނުވަތަ ލުޔެއް ހޯދައިދިނުމުގެ މުގާބިލުގައި އޭނާއަށް ނުވަތަ އެހެން ފަރާތަކަށް މަންފާއެއް ދިނުމަށް ވައުދުވުން ނުވަތަ ދިނުމަށް ހުށަހެޅުން ނުވަތަ އެފަދަ މަންފާއެއް ހޯދުމަށް އެދުން ނުވަތަ ގަބޫލުކުރުން ނުވަތަ ގަބޫލުކުރުމަށް އެއްބަސްވުމެވެ.

އެކުށްތައް ކަނޑައެޅުމަށް ހުށަހަޅާފައިވާނީ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށްތަކެއްގެ ގޮތުގައެވެ. އެހެންނަމަވެސް، އޭގެ ތެރެއިން ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް، ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރަކު ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ފަނޑިޔާރަކު ކޮށްފިނަމަ، އެ ކުށަކީ ޖިނާޔަތުގެ ދެވަނަ ވަނަ ދަރަޖައިގެ ކުށެއް ކަމުގައި ކަނޑައެޅުމަށް ހުށަހަޅާފައިވެއެވެ.

ދިވެހިރާއްޖޭގެ ގާނޫނުއުލްއުގޫބާތަށް ސަރުކާރުން ހުށަހަޅާ އިސްލާހުތައް ގާނޫނަކަށްވެ އަމަލުކުރަން ފެށުމާއެކު، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު އުވާލުމަށްވެސް ސަރުކާރުން ވަނީ ހުށަހަޅާފައެވެ. އަދި އެ ގާނޫނު އުވާލަން ހުށަހެޅުމާއެކު، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނުގެ 23 ވަނަ މާއްދާގައި ހިމެނޭ ކޮރަޕްޝަންގެ މާނަ އިސްލާހު ކުރުމަށްޓަކައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއްވެސް ސަރުކާރުން ހުށަހަޅާފައިވާނެ ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *