މިނިސްޓަރު ފައްޔާޒުގެ ބަސް: ސަބަބެއް ނޭނގޭ، ހީކޮށްގެންހުރީ މަސައްކަތް ބަލައިގަތް ކަމަށް!

އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން މަސައްކަތް ކުރާ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް އިކޮނަމިކް މިނިސްޓަރު ފައްޔާރު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒު "ހަތާވީސް" އޮންލައިނަށް ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން އުޅޭ ކަމަށް އެމަނިކުފާނަށް އެނގިވަޑައިގަތީ މީޑިއާތަކުން ކަމަށާއި ހީފުޅުކުރައްވައިގެން ހުންނެވީ ކުރައްވަމުން ގެންދަވާ މަސައްކަތް ރައްޔިތުން މަޖިލީހުގެ މެންބަރުން ބަލައިގަންނަކަމުގައި ކަމަށެވެ.

"ވަރަށް ގިނަ މިނިސްޓަރުންނާ ދޭތެރޭ މެންބަރުންގެ ކަންބޮޑުވުންތައް ހުންނާނެ. މެންބަރުން ގުޅުއްވާ ގަޑީގައި ފޯނު ނުނެގޭތީއާ މިކަހަލަ ކަންކަމުގައި ކަންބޮޑުވުންތައް ހުންނާނެ. އެކަމަކު އަޅުގަނޑު ވާނެހެން އަޅުގަނޑަށް ހީވަނީ މެންބަރުންނާ ވަރަށް ގާތް ގުޅުމެއް ބާއްވާ މިނިސްޓަރަކަށް. ނަމަވެސް މިއީ ޑިމޮކްރަސީ. އަޅުގަނޑުމެން ޑިމޮކްރަސީއެއްގައި މަސައްކަތް ކުރާއިރު މިކަހަލަ ކަންކަން ވެސް ދިމާވާނެ،" ފައްޔާޒު ވިދާޅުވިއެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގައި އިސްކޮށް އުޅުއްވަނީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ފައްޔާޒު ވިދާޅުވީ އެފަދަ ކަމެއް ނަޝީދު ކުރައްވާފާނެ ކަމަކަށް ހިތަށް ނާރާ ކަމަށެވެ. އަދި ވިދާޅުވީ އޭނާއާ ދޭތެރޭ އެހާ ބޮޑު ކަންބޮޑުވުމެއް ރައީސް ނަޝީދުގެ އޮތް ކަމަށްވާނަމަ އެކަން ރައީސް ނަޝީދު ހިއްސާ ކުރައްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ރައީސް ނަޝީދު އަޅުގަނޑަށް ގުޅުއްވާ. ބައެއް ކަންކަމުގައި މައުލޫމާތު ހިއްސާ ކުރައްވާ. އަޅުގަނޑަށް ގަބޫލުކުރެވެނީ އަޅުގަނޑުގެ ވަރަށް ބޮޑު މައްސަލައެއް އުޅޭތީއޭ ރައީސް ނަޝީދު އެފަދަ ކަމެއް ކުރައްވާނީ، މިސާލަކަށް އަޅުގަނޑުގެ ޕާފޯމަންސްއާ ދޭތެރޭ ހިތްހަމަ ނުޖެހޭތީއޭ،" ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެހެން ވަޒީރުންނެކޭ އެއްގޮތަށް އޭނާ މަސައްކަތް ކުރެއްވީ ވަރަށް އިހުލާސްތެރިކަމާ އެކުުގައި ކަމަށެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯ ހަގީގަތަކަށް ހެދުމަށް 24 ގަޑިއިރު މި ދަތި އުނދަގޫ ވަގުތުގައި ވެސް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *